08 Feb 2015, 16:20
އަމިއްލަ ފަރާތަކުން ދައުލަތަށް ދައްކަން ޖެހޭ ޖީއެސްޓީ އާއި ޖޫރިމަނާ އެ އޮތޯރިޓީ އަށް ދައްކަން ސިވިލްކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭ ޖީއެސްޓީ އާއި ޖޫރިމަނާތަކެއްގެ ފައިސާ ނުދައްކައިގެން، އެ ފައިސާ ދެއްކުމަށް އަންގައި ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ ހ. ނަސީމީ މުހައްމަދު އަލްތާފްގެ މައްޗަށެވެ.
ދައުލަތަށް ނުދައްކައިވާ ޖީއެސްޓީ އާއި ސުންގަޑިއަށް ޖީއެސްޓީ ދައްކާފައި ނުވުމުން ކޮށްފައިވާ ޖޫރިމަނާ އާއި ސުންގަޑިއަށް ޖީއެސްޓީ ބަޔާން ހުށަނޭޅުމުގެ ސަބަބުން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ މީރާ އަށް ދައްކަން އެ މީހާގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ.
އެގޮތުން މުހައްމަދު އަލްތާފް ޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭ 41،848 ރުފިޔާ އާއި ކަނޑައަޅާފައިވާ ތާރީހަށް ޖީއެސްޓީ ބަޔާން ހުށަނާޅައި ފައިސާ ނުދެއްކުމުން މި އަހަރު ފެބްރުއަރީ މަހު ތިން ވަނަ ދުވަހާ ހަމައަށް ކޮށްފައިވާ ޖޫރިމަނާއާ އެކު ޖުމްލަ 100،605 ރުފިޔާ އިން އޭނާ ވަނީ ޖޫރިމަނާ ކޮށްފަ އެވެ.
އެހެންކަމުން މި މަހު ފަސް ވަނަ ދުވަހުން ފެށިގެން 15 ދުވަސްތެރޭގައި އެފައިސާ މީރާ އަށް ދައްކައި ހަލާސްކުރުމަށް އެ ހުކުމުގައިވެ އެވެ.