ސޫރިޔާ އަށް ދަތުރުކުރަން އުޅުނު ޖަޕާނުގެ ފްރީލާންސް ފޮޓޯ ޖާނަލިސްޓެއްގެ ޕާސްޕޯޓް އެގައުމުގެ ސަރުކާރުން ހިފަހައްޓައިފި އެވެ.

ޖަޕާނުގެ ނޫސްތަކާ ހަވާލާދީ އަލްޖަޒީރާ އިން ބުނީ މި މަހުގެ 27 ވަނަ ދުވަހު ސޫރިޔާ އަށް ދަތުރުކުރަން ތައްޔާރުވެގެން ހުރި އުމުރުން 58 އަހަރުގެ ޔުއީޗީ ސުގިމޯޓޯގެ ޕާސްޕޯޓް އަތުލީ ޖަޕާނުގެ ފޮރިން މިނިސްޓްރީން ކަމަށެވެ. އަދި ބުނީ ސުގިމޯޓޯގެ ޕާސްޕޯޓް އަތުލީ އޭނާގެ ސަލާމަތަށް ކަމަށް ޖަޕާނު ސަރުކާރުން ބުނެފައިވާ ކަމަށެވެ. ޖަޕާނުން މިފިޔަވަޅު އެޅީ ސޫރިޔާގައި އުޅެނިކޮށް އިސްލާމިކް ސްޓޭޓް ( އައިއެސް) އިން ރަހީނު ކުރި ޖަޕާނުގެ ދެ ރައްޔިތަކު މަރައިލުމާ ގުޅިގެންނެވެ.

ސުގިމޯޓޯ ބުނެފައި ވަނީ އޭނާ ސޫރިޔާ އަށް ދިޔަ ނަމަވެސް އައިއެސް އިން ކޮންޓްރޯލް ކުރާ ސަރަހައްދަކަށް ދާން ގަސްދުނުކުރާ ކަމަށް ބުނެފަ އެވެ. އަދި އޭނާގެ ޕާސްޕޯޓް ސަރުކާރުން ހިފެހެއްޓުމުން އޭނާ ވަނީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ.

"ފޮރިން މިނިސްޓްރީގެ ޕާސްޕޯޓް ޑިވިޝަންގެ އޮފިޝަލަކު މިރޭ އައިސް އަހަރެންގެ ޕާސްޕޯޓް ގެންގޮސްފި. އަހަރެން ދަތުރުކުރުމުގެ މިނިވަންކަމަށް ވާނީ ކިހިނެތް؟ އަހަރެންގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ވާނީ ކިހިނެތް؟" އޭނާ ބުނި ކަމަށް ނޫހުގައިވެ އެވެ.