މިދިޔަ މަހު ރާއްޖޭގައި ބޭއްވި ޕީޕަލްސް ކަޕްގައި ވާދަކުރުމަށް ފަހު، އިއްޔެ ފެށި މެލޭޝިއަން ސުޕާ ލީގް (އެމްއެސްއެލް) ގައި ސިންގަޕޯރ ލަޔަންސް ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް ކުޅެމުން އަންނަ ޕީޑީއާރްއެމްއާ ވާދަކޮށް، 5-3 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްފިއެވެ.

ނިމިދިޔަ ޕީޕަލްސް ކަޕްގައި ވާދަކޮށް، 1-0 ގެ ނަތީޖާއަކުން ލަޔަންސް މައްޗަށް ކުރި ހޯދުމަށްފަހު، އެ މުބާރާތުގެ ތާވަލްގެ އެއްވަނައިގެ ގޮތުގައި ފައިނަލަށް ގޮސް މުބާރާތުގެ ޗެންޕިއަންކަންވެސް ހޯދީ ޕީޑީއާރްއެމް އެވެ.

ޕީޕަލްސް ކަޕްގައި އެ ދެ ޓީމް ކުޅުނު މެޗުގެ ކުރިން ލަޔަންސްގެ ކޯޗް ވަނީ އެ މުބާރާތުގައި ޕީޑީއާރްއެމްއާ ދެކޮޅަށް ކުޅެލަން ލިބުމަކީ އެ ޓީމަށް ލިބިގެން ދާނެ ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ބުނެފައެވެ. އަދި އެ މުބާރާތުގައި އެ ދެ ޓީމް ބައްދަލުކުރި މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައި ވާއިރު، ޕީޑީއާރްއެމްއަށް އެ މެޗުގައި ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ މާލީ ފޯވާޑް ޑްރަމަނޭ ޓްރައުރޭ އެވެ.

އެމްއެސްއެލްގައި އިއްޔެ ޕީޑީއާރްއެމް އާއި ލަޔަންސް ބައްދަލުކުރި މެޗުގައި، ފުރަތަމަ ހާފްގައި ލަޔަންސް ވަނީ ދެ ލަނޑުގެ ލީޑެއް ހޯދާފައެވެ. ލަޔަންސްގެ ގެބްރިއެލް ކުއަކް އާއި ރާމްލީ ކާމިޔާބު ކޮށްދިން ދެ ލަނޑާއެކު އެ ޓީމް ދެވަނަ ހާފްއަށް ކުރިމަތި ލީއިރު، އެ ހާފްގައި އެ ޓީމްގެ ޝަފީގް އާއި އަބޫ ސުޖާދު އަދި ސުހާމީ ވަނީ އެ ޓީމުގެ ލީޑު ފަސް ލަނޑަށް ފުޅާ ކޮށްލާފައެވެ.

ޕީޑީއާރްއެމް ކާމިޔާބުކުރި ތިން ލަނޑުވެސް އެ ޓީމް ކާމިޔާބު ކުރީ ފަހަތުން އަރައެވެ. މެޗުގެ އެންމެ ފަހު 20 މިނެޓުތެރޭ ޕީޑީއާރްއެމްގެ ހުރިހާ ލަނޑެއްވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޓްރައުރޭ އެވެ. ޕީޕަލްސް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދި ޓްރައުރޭ އެ މެޗުގައި ހެދި ހެޓްރިކަކީ އެމްއެސްއެލްގައި މި އަހަރު އެންމެ ފުރަތަމަ ކުޅުންތެރިއަކު ހެދި ހެޓްރިކެވެ.

އެ ނަތީޖާއާއެކު ލަޔަންސް އެމްއެސްއެލް ތާވަލްގެ އެއްވަނަ ހޯދާފައި ވަނީ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކުރި ޓީމެއްގެ ގޮތުގައެވެ. ލަޔަންސް އާއެކު އިތުރު ހަތަރު ޓީމެއް ތިން ޕޮއިންޓް ހޯދާ ފައިދާ ލަނޑުގެ ގޮތުގައި ދެ ލަނޑު ކާމިޔާބު ކޮށްފައި ވާއިރު، އިއްޔެ ކުޅުނު މެޗުން ކާމިޔާބު ކުރި ފަސް ލަނޑާއެކު މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކުރި ޓީމަކީ ލަޔަންސް އެވެ.

އެމްއެސްއެލްގައި ދެން އެންމެ އަވަހަށް ކުޅޭ މެޗުތަކުގައި ލަޔަންސް ނިކުންނާނީ މެލޭޝިއާގެ ޓީމެއް ކަމަށްވާ ކެލަންތަން އެފްސީއާ ދެކޮޅަށެވެ. އަދި ޕީޑީއާރްއެމް ވާދަކުރާނީ މިދިޔަ ސީޒަންގައި އެ މުބާރާތް ކާމިޔާބުކުރި ޖޮހޯރ އެފްސީ އާއެވެ. އެ މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.