08 Feb 2015, 15:27
ކޮލަންބޯ (ފެބްރުއަރީ 8): ސްރީލަންކާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންފްލޭޝަންގެ މައްސަލަ ޙައްލުކުރުމާއި މެދުފަންތީގެ މީހުންނަށާއި ފަގީރުންނަށް ކުރިމަތިވެފައިވާ ލިބޭ އާމްދަނީން ދެކޮޅު ނުޖެހުމުގެ މައްސަލަ ޙައްލުކުރުމަށް ރައީސް މައިތިރިޕަލަ ސިރިސޭނާ ރިޔާސީ ކެންޕޭންގައި ވެވަޑައިގެންފައިވާ ވަޢްދު ފުއްދުމަށް ޓަކައި ހުށަހެޅި އެޑިޝަނަލް ބަޖެޓް އެގައުމުގެ ޕާލަމެންޓުން ފާސްކޮށްފި އެވެ.
މިބަޖެޓް ފާސްވީ ޕާލަމެންޓް ގެ 225 މެންބަރުންގެ ތެރެއިން 164 މެންބަރުންގެ ތާއީދު ލިބިގެންނެވެ. މިބަޖެޓް އަމާޒުކޮށްފައި ވަނީ ސްރީލަންކާގެ ސަރުކާރުގެ ސިވިލްސާވަންޓުންނާއި އެނޫން މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށާއި އެކިކަންކަމުގައި ސަބްސިޑީ ދޭންޖެހޭ ފަރާތްތަކަށް ސަބްސިޑީ ދިނުމަށެވެ. މިގޮތުން އެކިބާވަތުގެ ސަބްސިޑީގެ އެހީ ހަ މިލިޔަނަށް ވުރެ ގިނަ މީހުންނަށް ދިނުމަށް އަމާޒުކޮށްފައިވާ އިރު 1.6 މިލިޔަން މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ބޭނުންވާ ފައިސާވެސް މިބަޖެޓްގައި ހިމެނެ އެވެ. ސްރީލަންކާގެ ބޮޑުވަޒީރު ރަނިލްވިކްރަމަ ސިންހަ ވަނީ މި ބަޖެޓް ފާސްވުމަކީ އައު ސަރުކާރަށް ލިބުނު ކާމިޔާބީއެއް ކަމަށް ސިފަކުރައްވާފަ އެވެ.
ސްރީލަންކާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންފްލޭޝަންގެ މައްސަލަ ޙައްލުކުރުމާއި މެދުފަންތިއާއި ފަގީރުންނަށް ކުރިމަތިވެފައިވާ ލިބޭއާމްދަނީން ދެކޮޅު ނުޖެހުމުގެ މައްސަލައަކީ މިދިޔަ އަހަރުގެ ފަހުކޮޅު އެގައުމުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވަރަށް ބޮޑަށް ސަމާލުކަން އައި މައްސަލައެކެވެ. ވެރިކަން ލިބިވަޑައިގެންފި ނަމަ މި މައްސަލަ ވަރަށް އަވަށް ޙައްލު ކޮށްދެއްވުމަށް ރިޔާސީ އިންތިޚާބުގައި ސިރިސޭނާވަނީ ވަޢްދުވެ ވަޑައިގެންފަ އެވެ. (ނޫސްއެޖެންސީތައް)