08 Feb 2015, 15:06
ލަލީގާގައި ރޭ އެތުލެޓިކޯ މެޑިރިޑާ ދެކޮޅަށް ކުޅުނު މެޗުން 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިވިއިރު، އެ މެޗުގައި ރެއާލްގެ ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔަ ކުޅުމަކީ އަދި މިހާތަނަށް އޭނާގެ ކޯޗުކަމުގެ ދަށުގައި ރެއާލްގެ ފަރާތުން ފެނުނު އެންމެ ދަށް ކުޅުން ކަމަށް އެ ޓީމްގެ ކޯޗް ކާލޯ އެންޗެލޮޓީ ބުނެފިއެވެ.
އެންޗެލޮޓީ ބުނީ ހުރިހާ ގޮތަކަށް ބެލިޔަސް ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކާފައި ވަނީ އެތުލެޓިކޯ ކަމަށެވެ. އަދި ރެއާލްގެ އެއްވެސް ކުޅުންތެރިއަކަށް ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާކަމަށް އެންޗެލޮޓީ ބުންޏެވެ.
"މެޗުގައި ގިނައިން މަސައްކަތްކުރީ އެތުލެޓިކޯގެ ކުޅުންތެރިން. ރަނގަޅު ފައިޓެއްވެސް ފެނުނީ އެމީހުންގެ ފަރާތުން، ބޯޅަ ގެންގުޅުމުގަ ކޮލިޓީވެސް ފެނިގެން ދިޔައީ އެ ޓީމް ކުޅުންތެރިންގެ ފަރާތުން، އޯގަނައިޒޭޝަންގެ ގޮތުންވެސް ރަނގަޅީ އެ ކުޅުންތެރިން. އަހަރުމެން ޓީމް އޮތީ ވަރަށް ބޮޑަށް ހޭވިފަ. މިއީ މިހާތަނަށް އަހަންނަށް ރެއާލްއާއެކު ކުޅެވުނު އެންމެ ދަށް ގޭމް. ރޭގެ މެޗަކީ ރެއާލްގެ އެއްވެސް ކުޅުންތެރިއަކަށް ރަނގަޅު ގޭމެއް ނޫން،" އެންޗެލޮޓީ ބުންޏެވެ.
ރޭގެ މެޗު ފެށިތާ 14 މިނެޓުތެރޭ ލީޑު ނެގުމުގެ އިތުރުން، އެތުލެޓިކޯ ވަނީ އޭގެ ހަތަރު މިނެޓުފަހުން އެ ޓީމްގެ ދެވަނަ ލަނޑުވެސް ކާމިޔާބު ކޮށްފައެވެ. އަދި ދެވަނަ ހާފް ފެށިއިރު ރެއާލްގެ ގޯލަށް ނުރައްކާ ކޮށް، 67 ވަނަ މިނެޓުގައި ނަތީޖާ 3-0ކަށް ހެދިއިރު، މެޗުގެ އެންމެ ފަހު މިނެޓުގައިވެސް އެތުލެޓިކޯ ވަނީ ލަނޑެއް ކާމިޔާބު ކޮށްފައެވެ.
އެންޗެލޮޓީ ބުނީ ރޭގެ މެޗަކީ އެނަލައިޒް ކުރަން ފަސޭހަ މެޗެއް ކަމަށެވެ. އަދި ރޭގެ ނާކާމިޔާބީގެ ފުރިހަމަ ޒިންމާ އެނާ އުފުލާ ކަމަށާއި، ނަމަވެސް އުންމީދު ކަނޑާ ނުލާނެ ކަމަށް އެންޗެލޮޓީ ވަނީ ބުނެފައެވެ.
"ރޭގެ މެޗު އެނަލައިޒް ކުރުމަކީ ފަސޭހަ ކަމެއް، އެހީ މެޗުގެ ހުރިހާ ދާއިރާ އަކުންވެސް މޮޅަށް ކުޅުނީ އެތުލެޓިކޯ. އެ ނަތީޖާގެ ފުރިހަމަ ޒިންމާ އަހަރެން ނަގަން. އެ މެޗުގައި ވެގެން ދިޔަ ގޮތް އަހަރުމެން ރަނގަޅަށް މުރާޖާ ކުރަން ޖެހޭ. ރޭ ބަލިވިޔަސް ތާވަލްގެ އެންމެ ކުރީގައި އޮތީ އަދިވެސް އަހަރުމެންކަން ހަނދާންކުރަން ޖެހޭ. ރެއާލްގެ ކުޅުންތެރިންނާ މެދު އަހަރެން އުންމީދު ކަނޑައެއް ނުލާނަން،" އެންޗެލޮޓީ ބުންޏެވެ.
ސްޕެނިޝް ލީގުގައި މިހާތަނަށް 54 ޕޮއިންޓު ހޯދާފައިވާ ރެއާލް އަދިވެސް ލީގު ތާވަލް ލީޑު ކުރަމުން ދާއިރު، ރޭގެ މެޗުން ބަލިވުމުން ތާވަލްގެ ދެވަނައިގައި އޮތް ބާސެލޯނާއަށް ވަނީ ރެއާލްއާ އެ ޓީމާ ދެމެދު ޕޮއިންޓުގެ ގޮތުން އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްލުމުގެ ފުރުސަތު ލިބިފައެވެ. ލަލީގާގައި ބާސާ މިރޭ ނިކުންނާނީ ތާވަލްގެ 13 ވަނައިގައި އޮތް އެތުލެޓިކް ކްލަބާ ދެކޮޅަށެވެ.