08 Feb 2015, 15:01
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަހަތުން ދިއުމަކީ ގަބޫލުކުރެވޭނެ ހަމައެއް ނޫންކަމަށް ވިދާޅުވެ ޖުމްހޫރީޕާޓީގެ މެންބަރު އަހުމަދު ސަލީމް (މާޒު ސަލީމް) އެޕާޓީން ވަކިވެއްޖެ އެވެ.
ގާސިމް އިބްރާހީމަށް އެޑްރެސް ކުރައްވައި މާޒް ސަލީމް މިއަދު ފޮނުއްވި ސިޓީގައި ވަނީ ގާނޫނީ އިމުން ބޭރުން ސިޔާސީ ބޭފުޅުން ގެންގޮސް ހުރަގޭގައި ރަހީނުކޮށްފައިވާ ބޭފުޅަކާ އެކު ބައިއަތު ހިފުމަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.
"ތިމަންނާގެ ހުރި ނުލަފާކަން ދައްކާނޭކަމަށް މީޑިޔާކުރިމަތީގައި ވިދާޅުވެ ތިން ބާރު ވެކިކުރެވިފައިވާ މިނިވަން ޖުޑިޝަރީގައި ތަޅުއަޅުވާ ފަނޑިޔާރުން ވަގަށްނަގައި ރަހީނުކޮށް ގާނޫނީ އިމުގެ ބޭރުން ސިޔާސީ ލީޑަރުން ގެންގޮސް ހުރަގޭގައި ހައްޔަރުކޮށް ހަދާފައިވާ ބޭފުޅެއްގެ ފަހަތްޕުޅުން ވަޑައިގެން މިފަދަ ބޭފުޅަކާ މަނިކުފާނު ބައިއަތު ހިފުމަކީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން" މާޒް ސަލީމު ގާސިމަށް ފޮނުއްވި ސިޓީގައި ވެއެވެ.
އެ ސިޓީގައި ވަނީ ގައުމުގެ ގާނޫނާއި ދެކޮޅަށް ރައީސް ނަޝީދު ހިންގާވާފައިވާ ޖަރީމާތައް ހަނދާން ނައްތާލައި، ރައީސް ނަޝީދުގެ ފަހަތްޕުޅުން ގާސިމް ވަޑައިގަތުމަކީ އޭނާ ގަބޫލުކުރައްވާ ހަމަޔާ އިންސާފު ނޫން ކަމަށެވެ.
ދެހާސް ބާރަވަނަ އަހަރުގެ ފެބުރުއަރީ 7 އަދި 8 ވަނަ ދުވަހު ނަޝީދުގެ ވެރިކަމާ ދެކޮޅަށް އަޑު އުފުއްލެވި ބޭފުޅުންގެ ތެރޭގައި މާޒް ސަލީމު ހިމެނި ވަޑައިގަންނަވަ އެވެ.
"މިހެންކަމުން ތިޔަޕާޓީގެ ދަފުތަރުން މިއަދުން ފެށިގެން އަޅުގަނޑުގެ ނަން އުނިކޮށް އިލެކްޝަންސް ކޮމިޝަނަށް އަންގަވައިދެއްވުން އެދި ދެންނެވީމެެވެ،" މާޒް ސަލީމުގެ ސިޓީގައި ވެއެވެ.
ކުރިން ޕީޕީއެމްގެ ކައުންސިލު މެންބަރެއްގެ މަގާމުގައި ހުންނެވި މާޒް ސަލީމު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ 2013 ވަނަ އަހަރުގެ ރިޔާސީ އިންޚާބުގެ ދުވަސްވަރު އެވެ. އޭނާ ވަނީ 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީޕާޓީގެ ޓިކެޓުގައި މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދުއާ ވާދަކުރައްވާފައެވެ. އެ އިންތިޚާބުން މާޒު ސަލީމް ބަލިވެވަޑައިގަތީ 100 ވޯޓުގެ ތަފާތުންނެވެ.
ސަލީމުގެ އިތުރުން ޖުމްހޫރީ ޕާޓީތަކާމެދު ހިތްހަމަޖެހިވަޑައިނުގެން ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް ވަނީ މިމަހުގެ ހަތަރުވަނަ ދުވަހު އެޕާޓީން ވަކިވެ ވަޑައިގެންފަ އެވެ.