08 Feb 2015, 13:56
ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ގާއިމްކުރުމުގައި ކުރަން ޖެހޭ މަސައްކަތުގެ ބޮޑު ބައި ވަނީ ނިމިފައި ކަމަށާއި އެކަމަށް ޓަކައި ހަދަން ޖެހޭ ގާނޫނު ވެސް މިހާރު ވަނީ ޑްރާފްޓްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ގާއިމު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.
އެމަނިކުފާނު މިއަދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވެފައި ވަނީ "އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކުއްލިއްޔާ އިން ޕްރީ-ފައުންޑޭޝަނުން ފެށިގެން ގޮސް މާސްޓާސް ލެވެލާ ހަމައަށް ކިޔެވޭނެ" ކަމަށެވެ.
އަދި ރާއްޖޭގައި އުމުރުން 13 އަހަރު ފުރޭ ކޮންމެ ކުއްޖަކަށް ވެސް އިސްލާމީ ފިކުރާއި އަހުލާގިއްޔާތު ހިމެނޭ މާހައުލެއްގައި ކިޔެވުމުގެ ފުރުސަތު ވެސް އޭރުން ލިބިގެންދާނެ ކަމަށް ވެސް ނައިބު ރައީސް ޖަމީލްގެ ޓުވީޓުގައި ވަނީ ވިދާޅުވެފައި އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ނައިބު ރައީސް ޖަމީލް ގަތަރަށް ކުރެއްވި ދަތުރުފުޅެއްގައި ގަތަރުގެ ބޮޑުވަޒީރު އަދި އިންޓީރިއާ މިނިސްޓަރު ޝައިޚް އަބްދުﷲ ބިން ނާސިރު ބިން ޚަލީފާ އާލްސާނީ ވަނީ ބައްދަލު ކުރައްވައިފަ އެވެ. އަދި އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ގާއިމްކުރުމުގައި އެހީތެރިވެދެއްވާނެ ކަމުގެ ޔަޤީންކަމާއި އަދި ރާއްޖެ އަށް ބަޖެޓް ސަޕޯޓް ދެއްވާނެ ކަމުގެ ޔަގީންކަން، ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ނައިބު ރައީސް މީގެ ކުރިން ވިދާޅުވެފައި ވަނީ ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ގާއިމް ކުރުމަށް އަރަބި ގައުމުތަކުގެ އެހީތެރިކަން ހޯއްދަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ކުއްލިއްޔާ ބައިނަލްއަގްވާމީ ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާނީ ތިން ފިޔަވަށްސަކަށް ބަހާލައިގެންނެވެ. އެ ތިން ފިޔަވައްސަށް ގާތްގަނޑަކަށް 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އެކުލަވާލި ކޮމެޓީން ބުނެފައިވެ އެވެ.
ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އެކުލަވާލި ކޮމެޓީގެ ޗެއާމަން އަދި އިސްލާމިކް މިނިސްޓަރު ޝަހީމް މީގެ ކުރިން ވިދާޅުވީ، އިސްލާމިކް ޔުނިވާސިޓީއެއް ގާއިމް ވެގެން ދިއުމަކީ ރާއްޖެ އަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެކަން ވެގެންދާނީ އިސްލާމީ ޝަހްޝިއްޔަތު ހަރުދަނާކުރުމަށް އެޅިގެންދާނެ ބޮޑު ފިޔަވަޅެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.