12 Feb 2011, 13:25
ހުރިހާ ލަވަތަކެއް ވެސް ގަތާލާފައި ވަނީ އިބުރަތްތެރި ނަސޭހަތްތަކުންނެވެ. މިޔުޒިކާ އެކު ގެތިލާމެހިފައި ވަނީ މުޖުތަމައުގައި އިސްލާހުކުރަން ޖެހިފައިވާކަންތައްތަކުގެ މައްޗަށެވެ. މާލޭގެ މެދުތެރޭގައި އޮންނަ ސަލްޓަންޕާކުގެ މާހައުލުން ހުކުރު ދުވަހުގެ ރޭ 9:00 ޖެހީއްސުރެ އިވެމުން ދިޔައީ އެ ނަސޭހަތްތަކެވެ. ވަށައިގެންވާ މާހައުލު ކުލަ ބޮކިތަކުން ދިއްލާފައި ވިޔަސް "ޑިންބާ އާއިލާގެ" އަގުހުރި ނަސޭހަތްތަކަށް ނޫނީ ސަމާލުކަމެއް ނުދެވެ އެވެ.
މިޔުޒިކް އިންޑަސްޓްރީ އަށް އިންގިލާބެއް ގެނެސް ދިވެހި ލަވަތަކުގެ މުސްކުޅި ގޮތްގަނޑު ފިލުވާލި ޑިންބާ އާއިލާ އަންނަނީ ފުޅާވެ ބޮޑުވަމުން ނެވެ. އެތައް ޒުވާނެއްގެ ހިތުގައި ރަސްކަން ކުރަމުން އަންނަނީ ޑިންބާ އާއިލާގެ މެންބަރުންގެ ނަސޭހަތްތަކާއި ތަފާތު މިޔުޒިކެވެ. ޑިންބާ އާއިލާގެ މެންބަރުންގެ ލަވަތައް ފުލުފުލުން ޒުވާނުންގެ އިހުސާސްތަކާ ކުޅެމުން ދިޔައިރު، ރެ އަކީ ވެސް ޑިންބާ އާއިލާއަށާއި ޒުވާނުންނަށް ވަރަށް ހާއްސަ ރެ އެކެވެ. ރެގް މިޔުޒިކްގެ އެ އާއިލާއަށް ވަރަށް ފަހުން އުފަންވި ޒާރާގެ ދެވަނަ ސޯލޯ އަލްބަމް "ނާޗަރަންގީ" ލޯންޗުކުރީ ރޭ ސަލްޓަންޕާކުގައި އޮތް ފޯރިގަދަ ޝޯގަ އެވެ.
"ޑިންބާ އާއިލާއަށް މިއީ އުފާވެރި ރެއެއް. އަހަރުމެންގެ އިތުރު އަލްބަމެއް. އަދި އިތުރު ލަވަތަކެއް އުފަންވާ ރެޔެއް މިއީ. ޑިންބާ ފެމިލީގެ ހަޔާތުން ހަވަނަ އަލްބަމް އަދި މި އާއިލާގެ ޒާރާގެ ދެވަނަ ސޯލޯ އަލްބަމް" ޑިންބާ އާއިލާގެ އިސް މެންބަރެއް ކަމުގައިވާ އިޝަންޓޭ ބުންޏެވެ.
ވަތަނިއްޔާ އިން ފަންނާނުނަށް ވެދޭ ދީލަތި އެހީއާ އެކު ރޭ ލޯންޗު ކުރި އެ އަލްބަމްގައި ހިމެނެނީ ޒާރާގެ އަޑުން ހަތް ލަވަ އެވެ. އެގޮތުން އެ އަލްބަމްގައި ގައި ހިމެނޭ "ކޮވެލި" ލަވައިގެ ވީޑިޔޯ ވެސް ރޭ ވަނީ ލޯންޗުކޮށްފަ އެވެ. މިޔުޒިކް އިންޑަސްޓްރީ އަށް އަދި ހާއްސަކޮށް ޑިންބާ އާއިލާއަށް ތަފާތު ގޮތް ގޮތުން އެހީވަމުން އަންނަ ފަރާތްތަކުގެ އަގު ވަޒަންކުރި އެ ހަފްލާގައި ވާހަކަ ދައްކަމުން މޯލްޑިވްސް އެންޓަޓެއިންމަންޓް ކޮމްޕެނީގެ ބޯޑް މެންބަރު ފަހުދު ސުޓޫޑިއޯގެ ވެސް ވެރިޔާ ފަހުދު ބުނީ "އާޓިސްޓުން މިއަދު ނިކުންނަންވެއްޖެ" ކަމަށާއި "އަހަރުމެންނަށް މިތިބެވެނީ ފިލައި" ކަމަށާއި "ޓެލެންޓް އެކްސްޕޯސް ކުރަން" ވެއްޖެ ކަމަށެވެ.
ޑިންބާ އާއިލާ ގެ ހަޔާތުން ހަވަނަ ސޯލޯ އަލްބަމާ ހިސާބަށް އެ އާއިލާއަށް އާދެވިފައިވާ އިރު އެމީހުން ތިބީ ވަތަނިއްޔާ އެމީހުންގެ ފަހަތުގައި ތިބީތީ އުފާވެ ޝުކުރު ކުރާ ހާލުގަ އެވެ. އެ އާއިލާގެ ޓެލެންޓް ހުރަހެއް ނެތި ދައްކާލުމުގައި ވަތަނިއްޔާ އިން ވެދޭ ދީލަތި އެހީއަށް އެމީހުންގެ ޝުކުރު ދިޔައީ އޮހެމުންނެވެ. ތައުރީފުގެ ލަފްޒުތައް އައީ މިޔުޒިކާއި އެކު ގެތިގެންނެވެ.
"އަހަރުމެން މިއަދު އުފާވޭ ވަތަނިއްޔާ ކަހަލަ ބޮޑު ކުންފުންޏަކުން އިނީޝިއޭޓިވް ނަގައިގެން މި އާއިލާއަށް އެހީވާތީ. އަހަރުމެންގެ ކުރިއެރުމުގައި އެމީހުން މިވާއެހީ އަށް ޝުކުރު އަދާކުރަން،" އިޝަންޓޭ ބުންޏެވެ.
ޒާރާގެ "ނާޗަރަންގީ" ވަނީ އިބުރަތްތެރި މެސެޖްތަކުން ފުރިފަ އެވެ. ހިގަންވީ ރިވެތި މަގާއި ގެންގުޅެވީ ރިވެތި އަހުލާގާއި ބަލައިގަންނަވީ ރިވެތި ނަމޫނާގެ ވާހަކަތަކަކީ އެލަވަތަކުގައި ދައްކާ ވާހަކަތެކެވެ. ދިވެހިންގެ ލޭ ކައްކުވާލާ ސަގާފީ ބޮޑު ބެރު އެ ޝޯގެ ނިންމުމުގައި އޮތަސް ޒާރާގެ އަޑުން އިއްވި އެ ނަސޭހަތްތަކުން އެންމެ ހިދުކޮޅަކަށް ވެސް ހަދާނެއްނުނެތެ އެވެ. ބޮޑުބެރަށް ވުރެ ބޮޑަށް ލޭ ކައްކުވާލީ ޒާރާގެ މިޔުޒިކީ އަޑުން އިއްވި ނަސޭހަތް ތަކުން ނެވެ. އެއީ މިޔުޒިކީ އަޑަކުން އިއްވި ބަލައިގަންނަން ފަސޭހަވި ނަސޭހަތްތަކެކެވެ. ޑިންބާ އާއިލާ އާ އެކު ޒާރާގެ ތަރި މެދުއުޑުގައި މިއަދު ފިޔަ ޖަހަނީ ޒުވާނުންނަށް އެ ނަސޭހަތްތައް ބަލައިގަންނަން ފަސޭހަވީމަ އެވެ. އިހުސާސްތަކުގެ ފުންމިނަށް އެ ނަސޭހަތްތައް ވާސިލްވާތީ އެވެ.