08 Feb 2015, 13:52
މި ސަރުކާރުގެ ފެނާއި ނަރުދަމާގެ ސިޔާސަތުގެ ދަށުން ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް މިހާރު ވެސް 700 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ދިވެހި ރުފިޔާގެ މަސައްކަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުން އަންނަކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފްތާތެރޭގައި ހަތަރު ރަށެއްގެ ފެނާ ނަރުދަމާގެ މަސައްކަތްތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ "ނާރުދަމާ އިން އުންމީދީ ދިރިއުޅުން" އަދި "ސާފު ބޯފެން ޔަގީންވުން" އެ ދެ ސިޔާސަތުގެ ދަށުން މިހާރު ވެސް ވަރަށް ގިނަ ރައްތަކެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.
"މި ސަރުކާރުގެ ފެނާއި ނަރުދަމާގެ ސިޔާސަތުގެ ދަށުން މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 700 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާގެ މަސައްކަތް ކުރެވެމުން އެބަދޭ. އަދި މި އަހަރުގެ ކުރިއަށް އޮތް ތަނުގައި އިތުރު 771 މިލިއަން ރުފިޔާގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެއީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ރަނގަޅު ސިއްހަތެއްގައި ރާއްޖޭގެ ރައްޔިތުން ދެމިތިބުމަށް ޓަކައި ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ރައްޔިތުން ސަރުކާރަށް އެއްބާރުލުން ދީގެން ކުރިއަށް ގެންދިއުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
"މި ސަރުކާރުން ކަމެއް ނުކޮށްދޭ ކަމަށް ބުނެ" އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކައަށް މިނިސްޓަރު ވަނީ ރައްދުދެއްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން އެއްވެސް ކަމެއް ނުކޮށްދޭ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަނީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް އަޑު އެބައިވޭ އިދިކޮޅު ފަރާތްތައް ބުނާއަޑު މި ސަރުކާރުން ކޮށްދެނީ ކޮން ކަމެއްހޭ. އަޅުގަނޑު ދަންނަވާނީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ހަމަ އެއްގޮތަކަށް ވެސް އަޑުނާހާށޭ. އަޅުގަނޑުމެން މި ސަރުކާރުން މިއަދު މިދަނީ ހަމަ ފަތުއަޑު ކިޔާފައި ވަރަށް ބާރަށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި އެހެން ހިދުމަތްތައް ފޯރުކޮށްދެމުން. ތަރައްގީ ޔަގީންވާނެ،"
މިނިސްޓަރު ވިދާޅުވީ ހަމައެކަނި މިދިޔަ ހަފްތާގެ ތެރޭގައި ވެސް އެންވަޔަރަންމަންޓް މިނިސްޓްރީން އިސް ނަގައިގެން ހަތަރު ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މި އަހަރުގެ ކުރިއަށް އޮތް ތާގައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.