މި ސީޒަންގައި ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެ ޓީމްގެ އެޓޭކިންގް މިޑްފީލްޑަރު ރަހީމް ސްޓާލިންގް އާއި މިޑްފީލްޑަރު ޖޯޑަން ހެންޑަސަންގެ ކޮންޓްރެކްޓް އާކޮށްދިނުމަށް އެ ކްލަބުގެ އެންމެ ގިނަ ދުވަސްވީ އެއް ކުޅުންތެރިޔާ ސްޓީވަން ޖެރާޑް ގޮވާލައިފިއެވެ.

ސްޕޯޓްސް މެއިލަށް ދިން އިންޓަވިއުއެއްގައި ލިވަޕޫލްގެ ކެޕްޓަންކަން ވެސް އަދާކުރަމުން އަންނަ ޖެރާޑް ބުނީ ހެންޑަސަން އާއި ސްޓާލިންގްގެ ކޮންޓްރެކްޓް މިހާރު އޮތް ހިސާބު އޭނާ އަށް ވަރަށް ރަނގަޅަށް އިނގޭ ކަމަށެވެ. އަދި އެ ކުޅުންތެރިން މިހާރުން މިހާރަށް ވެސް ކްލަބާ މެދު ވެފައިވާ ކޮންޓްރެކްޓް އާކުރުން މުހިންމު ކަމަށް ޖެރާޑް ބުންޏެވެ.

"ހެންޑަސަންގެ ކޮންޓްރެކްޓުގައި މިހާރު އޮތީ އެންމެ އަހަރެއް. އަދި ސްޓާލިންގްގެ ކޮންޓްރެކްޓު އާ ކުރުމުގެ ކަންކަން ވެސް ދަނީ މާ ރަނގަޅަކަށް ނޫން. ސްޓާލިންގްގެ ކޮންޓްރެކްޓް އާ ކުރުމަކީ މިހާރުން މިހާރަށް ވެސް ކްލަބުން ކުރަން ޖެހޭ ކަމެއް. އަދި ހަމަ އެފަދައިން ހެންޑަސަންގެ ވެސް. ކަލްބަށް އަހަރެން ދޭން ބޭނުންވާ މެސެޖަކީ އެކަން ވީހާ ވެސް އަވަހަކަށް ކުރާށޭ،" ޖެރާޑް ބުންޏެވެ.

ލިވަޕޫލްގައި އޭނާގެ މުޅި ކެރިއަރު ހޭދަކުރި ޖެރާޑް މި ސީޒަނަށް ފަހު ކްލަބް ދޫކޮށްލަން ނިންމާފައިވާ އިރު، މީގެ ކުރިން ޖެރާޑު ބުނެފައި ވަނީ އޭނާ ކުޅުން ހުއްޓާނުލާނެ ކަމަށާއި ނަމަވެސް އޭނާ ދުވަހަކު ވެސް ލިވަޕޫލާ ދެކޮޅަށް ނުކުޅޭނެ ކަމަށެވެ. އަދި އެ ޓީމްގެ ބްރެޒިލް ފޯވާޑް ފިލިޕް ކޫޓިނީއޯ އާއި އިންގްލެންޑް ފޯވާޑް ޑެނިއެލް ސްޓަރިޖްގެ ކޮންޓްރެކް މިހާރު އާކޮށްފައިވާ އިރު، ޖެރާޑް ވަނީ އެފަދަ ކުޅުންތެރިންނަކީ ލިވްޕޫލްގެ މުސްތަގުބަލު ކަމަށް ބުނެފަ އެވެ.

"ސްޓާލިންގް، ހެންޑަސަން، ސްޓަރިޖް އަދި ކޫޓީނިއޯ އަކީ ލިވަޕޫލްގެ ކުރިމަގު. މި ޓީމްގެ މުސްތަގުބަލަކީ އެފަދަ ކުޅުންތެރިން. އެ ކުޅުންތެރިން ލިވަޕޫލަށް ތަށިތަކެއް ހޯދަދޭތަން އަހަރެން ވަރަށް ދެކެން ބޭނުން،" ޖެރާޑް ބުންޏެވެ.

އޭގެ އިތުރުން މިހާތަނަށް ލިވަޕޫލަށް 700 މެޗު ކުޅެދީފައިވާ ޖެރާޑް ވަނީ ލިވަޕޫލުން ލޯންގެ ގޮތުގައި ޑާބީ ކައުންޓީއަށް މިހާރު ކުޅެމުން އަންނަ 19 އަހަރުގެ ވިންގަރ ޖޯޑަން އިބޭ އަށްވެސް ލިވަޕޫލް އިސްކަން ދޭން ޖެހޭނެ ކަމަށް ބުނެފަ އެވެ.

"އިބޭ އަކީ ކުޅުންތެރިއެއްގެ ހުންނަން ޖެހޭ ހުރިހާ ސިފަތަކެއް ހުންނަ ކުޅުންތެރިއެއް. އޭނާގެ ފަރާތުން ސްޓަރިޖް އާއި ސްޓާލިންގް، އެ ދެ ކުޅުންތެރިންގެ ގޮތްގަނޑު ފެނޭ. ރަނގަޅު ތަމްރީނާއެކު އޭނާ އިންގްލެންޑަށް ކާމިޔާބީތަކެއް ހޯދަދޭނެ،" ޖެރާޑް ބުންޏެވެ.