މޯލްޑިވިއަން އިން އަލަށް އުދުހުންތައް ފެށި ޗައިނާގެ މަންޒިލްތަކުގެ ތެރޭގައި ހިމެނޭ ޒިއާން އިން ސީދާ ރާއްޖެ އަށް ދަތުރުކުރި ފުރަތަމަ ޓޫރިސްޓުން މިއަދު އަތުވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެންޕީއާރްސީ) އިން ބުނީ ޒިއާ އިން ރާއްޖެއަށް މޯލްޑިވިއަން އިން ކުރި ފުރަތަމަ ދަތުރުގައި 199 މީހުން އައި ކަމަށެވެ. އަދި ބުނީ އެހުރިހާ ޓޫރިސްޓުންނަށް ބޮޑުބެރުގެ ހަރަކާތްތަކާ އެކު އެކޯޕަރޭޝަނުން މަރުހަބާ ކިޔާފައިވާ ކަމަށެވެ.

ޗައިނާގެ އާ މަންޒިލްތަކަށް މޯލްޑިވިއަންގެ އުދުހުންތައް ފެށުމުން އެގައުމުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެގައުމުން މި އަހަރުގެ މިހާތަނަށް 363626 ޓޫރިސްޓަކު ވަނީ ރާއްޖެ އަށް ޒިޔާރަތްކޮށްފަ އެވެ.

ޒިއާން އަކީ ޗައިނާގެ އިރު އުތުރު ސަރަހައްދުގައިވާ އެންމެ ބައިބޯ ރަށެވެ. އަދި އެއީ އެންމެ ބާރަށް ކުރިއަރަމުން އަންނަ 13 ޝަހަރުގެ ލިސްޓްގައި އިކޮނޮމިކް އިންޓެލިޖެންސް ޔުނިޓުން ހިމަނާފައިވާ ޝަހަރެކެވެ.

މޯލްޑިވިއަން އެންމެ ފަހުން ދަތުރުތައް ފެށި ތިން ޝަހަރުގެ ތެރޭގައި ޒިއާންއާއި އެކު ދެން ހިމެނެނީ ނަންޖިން އާއި ޗަންޝާއެވެ.