އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން މިފަހަރުގެ ދިވެހި ލީގު "ދިވެހި ޕްރިމިއާ ލީގް"އަށް ރިބްރޭންޑްކޮށް، ގިނަ ބަދަލުތަކަކާ އެކު ބާއްވަން ނިންމާފައިވާ އިރު، އެ މުބާރާތައް ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމަށް 10،000 ރުފިޔާގެ އިނާމެއް ހުށައެޅިފައިވާ މުބާރާތެއް ބާއްވަން އެފްއޭއެމުން ނިންމައިފި އެވެ.

އެފްއޭއެމުން ހުޅުވާލި މުބާރާތަކީ މުޅި ރާއްޖެ އަށް ހުޅުވާ ލެވިފައިވާ މުބާރާތެއް ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. އަދި އެ މުބާރާތަށް ވަކި އުމުރު ފުރާއެއް ކަނޑައެޅިފައި ނުވާކަމަށް ވެސް އެފްއޭއެމުން ބުންޏެވެ.

ދިވެހި ޕްރިމިއާ ލީގުގެ ލޯގޯ ފަރުމާކުރުމުގައި އެފްއޭއެމުން ކަނޑައަޅާފައިވާ ޝަރުތަކީ ކޮރަލް ޑްރޯ، އެޑޯބް ފޮޓޯޝޮޕް ފަދަ ގްރެފިކް ޑިޒައިން ސްފްޓްވެއާ އަކުން ލޯގޯ ފަރުމާކޮށްފައި ވުމެވެ. އަދި އެފްއޭއެމަށް ހުށައަޅަން ވާނީ ފަރުމާކުރެވިފައިވާ ލޯގޯގެ ސޮފްޓް ކޮޕީއެއް ކަމަށް ވެސް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

އެ މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 11 ވަނަ ދުވަހު 14:00 ގައި އެފްއޭއެމް ހައުސްއަށް މައުލޫމާތު ސާފުކުރުމަށް ވަޑަގެން ދެއްވުމަށް އެފްއޭއެމުން ވަނީ އެދިފައެވެ. އަދި ލޯގޯ ފަރުމާކުރުމަށް ފަހު، އެފްއޭއެމަށް ލޯގޯ ހުށައެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚަކީ މިމަހުގެ 19 ވަނަ ދުވަހުގެ 14:00 އެވެ.