08 Feb 2015, 13:28
ދެހާސް ބާރަ ވަނަ އަހަރުގެ ފެބުރުއަރީ 7 އަދި 8 ގައި ރާއްޖެ އަށް ކުރިމަތިވީ ނުރައްކާތެރި ހިތާމަވެރި ހާލަތެއް ކަމަށާއި މާފުކޮށް އެކުވެރިވާން ޖެހޭ ކަމަށް އަދާލަތު ޕަޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ފެބުރުއަރީ 7 އަދި 8ގައި އޭރު ވެރިކަމުގައި ހުންނެވި ނަޝީދުގެ ވެރިކަމާ ދެކޮޅަށް އަޑުއުފުލައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވި އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 7 އަދި 8 ވަނަ ދުވަހަކީ ދިވެހި ގައުމަށް ކުރިމަތިވި ނުރައްކާތެރި ހިތާމަވެރި ހާލަތެއް ކަމަށާއި މާފުކޮށް އެކުވެރިވެގެން ނޫނީ ގައުމު އިތުރަށް ކުރިއަކަށް ނުގެންދެވޭނެ ކަމަށެވެ. ނަމަވެސް އިމްރާނު ވިދާޅުވެފައި އެވާ ނުރައްކާތެރި ހިތާމަވެރި ހާލަތަކީ ކޮބައި ކަމެއް އިމްރާނު ވިދާޅުވެފައެއް ނުވެ އެވެ. އަދި އެކަމާ ބެހޭ އިތުރު ތަފްސީލު ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
7&8Feb2012ga raajje ah medhuverivee nurakkaatheri, hithaamaveri haalatheh. Maafkoh ekuverivegen noonee qaumu ithurah kuriyakah nugendhevyne.
— Imran (@ShImranAb)February 8, 2015
"އިސްލާމްދީނުގެ ދިފާއުގައި ދިވެހިން" އެނަމުގައި 2012 ވަނަ އަހަރު ފެބުރުއަރީ މަހު އޭރުވެރިކަމުގައި އޮތް އެމްޑީޕީއާ އިދިކޮޅު ޕާޓީތަކުން މުޒާހަރާކޮށް އަޑު އުފުލާފައި ވަނީ، ވެރިކަމުގައި އޭރު ހުންނެވި މުހައްމަދު ނަޝީދު އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ. އިދިކޮޅު ޕާޓީތަކުން އޭރު ކުރި މުޒާހަރާތަކުގެ ކުރީސަފުގައި ބަސްބުނުމުގައި އިމްރާން ވަނީ އިސް ރޯލެއް އަދާކޮށްފަ އެވެ. އަދި އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް ދިނުމާއި ސާކް ސަމިޓާ ދިމާކޮށް އައްޑޫގައި ބެހެއްޓި މޮނިއުމަންޓްތަކާ ގުޅިގެން އެންމެ ވަރުގަދަ އަށް އެމްޑީޕީ އަށް ބަހުގެ ހަމަލާތައް ދެއްވި ބޭފުޅުންގެ ތެރޭގައި ވެސް އިމްރާނު ހިމެނި ވަޑައިގަންނަވަ އެވެ.