މިދިޔަ އަހަރު ޑިސެމްބަރު މަހު ތިލަފުށި ފަރަށް އެރި އާގު ބޯޓުގެ ޖޫރިމަނާ 20 މިލިއަން ރުފިޔާ އިން 2.8 މިލިއަން ރުފިޔާ އަށް ކުޑަކުރުމުން ފައިސާ ދެއްކުމަށް ފަހު ބޯޓު ފުރައިފި އެވެ.

އިންޑިއާގެ "އެމްވީ މުތަ ޕައިނިއާ" ނަމަކަށް ކިޔާ އެ ބޯޓު ތިލަފުށީ ފަރަށް އެރުމުން އެ ސަރަހައްދުގެ 500 އަކަ މީޓަރަށް ވުރެ ބޮޑު ސަރަހައްދަކަށް ގެއްލުންވެފައިވެ އެވެ. އޭގެ އަދަބެއްގެ ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އެ ބޯޓު 22 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް މިއަދު "ސަން" އަށް ވިދާޅުވީ އެ ބޯޓު ފަރަށް އެރުމުން ތިމާވެއްޓަށް ލިބުނު ގެއްލުމުގެ ބަދަލުގައި 20 މިލިއަން ރުފިޔާ ދޭން މީގެ ކުރިން އަންގާފައިވީ ނަމަވެސް އެ އަދަދު މިހާރު 174290 ޑޮލަރަށް ކުޑަކޮށްފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 2.8 މިލިއަން ދިވެހި ރުފިޔާ އެވެ. އަދި އެ ފައިސާ ދެއްކުމަށް ފަހު ބޯޓު މިދިޔަ ބުރާސްފަތި ދުވަހު ފުރާފައިވާ ކަމަށެވެ.

ޖޫރިމަނާ ކުޑަކުރި ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ބޯޓުގެ ވެރިފަރާތުން އެ އަދަދު ކުޑަކޮށްދޭން އެދުމުން ކަމަށެެވެ. އަދި އެގޮތަށް އެދުމުން ޓްރާންސްޕޯޓް އޮތޯރިޓީއާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ ބޭފުޅުންނާއި އީޕީއޭގެ ބޭފުޅުންގެ ކޮމިޓީއަކުން ބޭއްވި ބައްދަލުވުމެއްގައި އެކަން އެގޮތަށް ފާސްކޮށްފައިވާ ކަމަށެވެ.

"ބޯޓުގެ ވެރިފަރާތުން އެދުނީ އެ އަދަދު ކުޑަކޮށްދޭން. އެދުނީމާ އަޅުގަނޑުމެން މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތައް އެކުވެގެން އުފައްދާފައިވާ ކޮމިޓީއަކުން މަޝްވަރާ ކުރުމަށް ފަހު ފާއިތުވި ތަނުގައި އެހެނިހެން ބޯޓުތަކުން ވެސް ނަގާފައިވާ އަދަދަށް މި ބޯޓުން ވެސް ނަގަން [ނިންމީ]." ނާފިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ އަދަދުތައް ކުޑަކުރަން ޖެހުނީ އެފަދަ ކަންކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ސީދާ އަދަދު، އެކަންކަމާ ގުޅޭ ގާނޫނުތަކުގައި ކަނޑައަޅާފައި ނެތީމަ އެވެ. އަދި އެހިސާބުން އެ އަދަދު ކުޑަކޮށްދޭން ޖެހެނީ ކޮމިޓީތަކުން މަޝްވަރާކޮށްގެން ކަމަށެވެ.