އިރާގުގެ ވެރިރަށް ބަޣްދާދުގައި 12 އަހަރަށް ވުރެ ގިނަދުވަސް ވަންދެން ދަންވަރުން ފެށިގެން ފަތިހު ފަހެއް ޖަހަންދެން އޮތް ކާފިއު ނަގައިފި އެވެ.

ސިޓީ އިތުރަށް "އާބާދު" ކަމަށް ދައްކުވައި ދިނުމަށް ޓަކައި އެ ކާފިއު ނަންގަވާފައި ވަނީ ޕްރައިމް މިނިސްޓަރު ހައިދަރު އަލް އާބާދީގެ އަމުރުގެ ދަށުންނެވެ. އެ ކާފިއު ނެގުމާ އެކު ބަޣްދާދުގެ ގިނަ ބަޔަކު އެކަމުގެ އުފާ ފާޅު ކުރުމަށް ކުރީގެ ކާފިއުގެ ވަގުތުގައި މަގުމައްޗަށް ނުކުމެ އުޅުނެވެ.

ނަމަވެސް ގިނަ ބޮންތަކެއްގެ ސަބަބުން 32 އަކަށް ވުރެ ގިނަ މީހުން އިއްޔެ މަރުވެފައިވާ ވަނިކޮށް އެ ކާފިއު ނެގުމާ ގުޅިގެން ގިނަ ބައެއް ވަނީ ކަންބޮޑުކަން ފާޅުކޮށްފަ އެވެ.

ކާފިއު އާ ގުޅިގެން 11 ޖަހާ އިރަށް ބަންދު ކުރަމުން އަންނަ މަންސޫރު މޯލް ރޭގައި އެއްކޮށް ހުރީ ހުޅުވާފައިވާ ކަމަށް ބީބީސީ އިން ބުނެފައިވެ އެވެ.

ކާފިއު ނެގުމާ ގުޅިގެން ގިނަ ވިޔަފާރިވެރިން ވަނީ އެކަމުގައި އުފާ ފާޅުކޮށްފަ އެވެ. ގިނަ ބަޔަކު ބުނީ ކާފިއު ނެގުމަށް "އެތައް ދުވަސްތަކެއް ވަންދެން އިންތިޒާރު" ކުރި ކަމަށެވެ.

އިއްޔެ ނެގި ކާފިއު އަކީ 2003 ވަނަ އަހަރު އެމެރިކާގެ ފަރާތުން އިރާގަށް ކުރިމަތިކުރި ހަމަލާތަކާ ގުޅިގެން ގާއިމް ކުރި ކާފިއުއެކެވެ. މީގެ ކުރިން، ކާފިއުގެ ވަގުތައް ކުދި ބަދަލުތަކެއް އައިސްފައިވާ އިރު މީގެ ކުރިން ވެސް ކާފިއު ވަނީ އެއްފަރަކު އެއްކޮށް ނަގާފަ އެވެ.