ހުޅުމާލޭ ހޮސްޕިޓަލްގެ ހޭނައްތާ ޑޮކްޓަރު އަހަރީ ޗުއްޓީއަށް ފަހު ވަޒީފާ އަށް ނުކުތުމުން އެ ހޮސްޕިޓަލްގައި އޮޕަރޭޝަންތައް ކުރަން ފަށައިފި އެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ ޑިރެކްޓަރު އަހުމަދު ޝާކިރު މިއަދު ސަން އަށް ވިދާޅުވީ، އެ ހޮސްޕޓަލްގައި ހަމައެކަނި ހުންނަ ހޭލައްތާ ޑޮކްޓަރު ޗުއްޓީއަށް ފަހު އެނބުރި އައުމުން އެ ހޮސްޕިޓަލްގައި އެއްވެސް ދައްޗެއް ނެތި އޮޕަރޭޝަންތައް ކުރަން ފަށާފައިވާ ކަމަށެވެ.

"ޑޮކްޓަރު މިއަދު ވަޑައިގެން، އޮޕަރޭޝަންތައް ކުރަމުން ދަނީ،" ޝާކިރު ވިދާޅުވި އެވެ.

އާބާދީގައި 30،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ހުޅުމާލޭގައި ހޭނައްތާ ޑޮކްޓަރަކު މިދޭތެރެއިން ނެތުމުން އޮޕަރޭޝަންތައް ކުރުމަށާއި ވިއްސުމަށް ދަތިތަކެއް ކުރިމަތިވެފައިވެ އެވެ.

އެގޮތުން ބައެއް ހާލަތްތަކުގައި މާލެއިން ޑޮކްޓަރަކު ގެންގޮސްގެން މަދު އޮޕަރޭޝަންތައް ކުރާއިރު އަނެއްބައި ފަހަރު ވިހަންށާއި އޮޕަރޭޝަންތައް ކުރަން އަންނަ ފަރާތްތަކުން މާލެ ދިއުމަށް އެ ހޮސްޕިޓަލް އިން ދިޔައީ އިލްތިމާސް ކުރަމުންނެވެ.

ޝާކިރު ވިދާޅުވީ، އެހޮސްޕިޓަލަށް ޑޮކްޓަރުންގެ ދަތިތަކާއި ތަކެތީގެ ދަތިތައް ހައްލު ކުރަން މިހާރު ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.