ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމުގެ ގޮތުން ސަރުކާރުން މި އަހަރުތެރޭ ގިނަ ޕްރޮގްރާމްތަކެއް ހިންގަން ރާވާފައި ވާއިރު، އެކަމާ ގުޅިގެން "ރައިވެރިބޭގެ ޖިހާދު ފެތުން" މި ނަމުގައި މިމަހު ފެތުމުގެ ހަރަކާތެއް ބާވަން ސަރުކާރުން ނިންމާއިފިއެވެ.

ހޯމް މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ އެ ހަރަކާތަކީ ވިލިމާލެއިން މާލެއަށް ބައިވެރިން ފަތާފައި އަންނަ ހަރަކާތެކެވެ. އެ ހަރަކާތް ބާއްވަން ހަމަޖެހިފައި ވަނީ މިމަހުގެ 27 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 ކަށެވެ.

އެ ހަރަކާތާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒުމީލް އަބްދުއްސަމަދު ވިދާޅުވީ އެ ހަރަކާތުގެ މައިގަނޑު މަގުސަދަކީ އަލިރަސްގެފާނު ކުރި ހަނގުރާމައިގައި ބައިވެރިވުމަށް ވިލިނގިލިން މާލެއަށް ފަތާފައި އައި ރައިވެރިބޭގެ ހަނދާން އާ ކުރުން ކަމަށެވެ. އަދި އެ ރައިވެރިބޭ ކުރި ހިތްވަރުގަދަ ޖިހާދަކީ މިހާތަނަށް އެންމެ ފުރިހަމަ ގޮތުގައި އަގުވަޒަން ކުރެވިފައި ނުވާ ޖިހާދަކަށް ވުމާއެކު، ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރިގެންދާ މި މުނާސަބަތުގައި އެކަން ވީހާވެސް ފުރިހަމަކޮށް އަގުވަޒަންކުރަން ސަރުކާރުން ނިންމާފައި ވާކަމަށް ވެސް ތަޒުމީލް ވިދާޅުވިއެވެ.

އެ ފެތުމުގެ ހަރަކާތަކީ މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދާ ހަރަކާތެއް ނޫން ކަމަށް ކަމަށާއި އެ ހަރަކާތުގެ ބައިވެރިން ވިލިމާލެއިން މާލެއާ ހަމައަށް އައުން ކޮންމެހެން މަޖުބޫރު ނޫން ކަމަށް ވެސް ތަޒުމީލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ހަރަކާތުގައި ސަލާމަތީ ކަންކަން ވަރަށް ފުރިހަމައަށް އިންތިޒާމް ކުރަވިފައިވާނެ ކަމަށެވެ.

"އެ ހަރަކާތަކީ ރާއްޖޭގެ ސްވިމިންގް އެސޯސިއޭޝްނާއި އެމްއެންޑީއެފް ކޯސްޓް ގާޑާ ގުޅިގެން އަޅުގަނޑުމެން ހިންގާ ހަރަކާތެއް. އެގޮތުން ފެތުން ތެރިން ފަތާނީ ކަނޑައެޅިފައިވާ ވަކި ލައިނަކުން. އަދި އެ ލައިންގެ އެކި ހިސާބުތަކުގައި ޖެޓްސްކީންގެ އިތުރުން ކޯސްޓްގާޑް އުޅަނދުތައް ހަރަކާތްތެރި ވާނެ. އަދި އޭގެ އިތުރުން ކޮންމެ ފެތުންތެރިއަކަށް އަޅުގަނޑުމެން ޚާއްސަ ކަށިގަނޑެއް ދޭނަން، ފެތުން ކުރިއަށް ނުގެންދެވޭ ނަމަ އޭގެ ބޭނުން ކުރުމުން އޭނާއަށް ވަގުތުން އެހީތެރިކަން ލިބޭނެ. އަދި ކޯސްޓު ގާޑުގެ ޑައިވަރުންނާއި ޑައިވާސް އެސޯސިއޭޝަންގެ ޑައިވަރުން ފެތުންތެރިން ފަތާ ލައިންގެ އަޑިންވެސް ހަރަކާތްތެރިވާނެ،" ތަޒުމީލް ވިދާޅުވިއެވެ.

"މި ހަރަކާތުގެ ބޭނުމަކީ ކޮންމެހެން ވިލިމާލެއިން މާލެއަށް ފަތާފަ ދިއުމެއް ނޫން. އަޅުގަނޑުމެންގެ ބޭނުމަކީ ވީހާވެސް ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރިވުން. ފަތާފަ މާލެއާ ހަމައަށް ނާދެވުނަސް ކޮންމެ ބައިވެރިއަކަށްވެސް ހަނދާނީ ލިއުމެއް ދެވޭނެ. އަދި އެންމެ ފުރަތަމަ މާލެ އަންނަ ފަރާތަކަށް ވަރަށް ހާއްސަ ހަނދާނީ ފިލައެއް ދެވޭނެ."

އޭނާ ވިދާޅުވީ އެ ހަރަކާތަކީ މުޅި ރާއްޖެއަށް ހުޅުވާލެވިފައިވާ ހަރަކާތެއް ކަމަށާއި އެ ހަރަކާތުގައި ބައިވެރިވާން އެދޭ މީހުން ފުރަން ޖެހޭ ފޯމު ހުރިހާ ކައުންސިލް އިދާރާތަކަށް މިހާރު ފޮނުވާފައި ވާނެ ކަމަށެވެ. އަދި މިހާރުވެސް ގިނަ އަދަދެއްގެ ރަށްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައި ވާކަމަށް ތަޒުމީލް ވިދާޅުވިއެވެ.

"ރައިވެރިބޭގެ ޖިހާދު ފެތުން" ނަމުގައި ކުރިއަށްގެންދާ އެ ހަރަކާތުގައި ބައިވެރިވާން އެދޭ ފަރާތްތައް ބައިވެރިވާން ފުރަން ޖެހޭ ފޯމް މިހާރު ވަނީ ހޯމް މިނިސްޓްރީން ދޫކުރަން ފަށާފައެވެ. އަދި އެ ފޯމް ހޯމް މިނިސްޓްރީގެ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެވެން ހުރިއިރު، މިނިސްޓްރީގެ 3323820 ނަންބަރާ ގުޅައިން އެ ހަރަކާތުގައި ބައިވެރި ވުމަށް ނަންނޯޓު ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.