އެކި ދުވަސްމަތިން އަނބިމީހާއަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި އއ. ތޮއްޑޫން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހުކުރު ދުވަހު ހައްޔަރުކޮށްފައި ވަނީ 45 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެއީ ތޮއްޑޫ މީހަކާ އިނދެގެން އުޅޭ ބ. ތުޅާދޫ މީހެކެވެ.

އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެއަތޮޅު މާޅޮހު ކޯޓަށް ގެންދިޔުމުން އޭނާއަށް ވަނީ ފަސް ދުވަހުގެ ބަންދުގެ މުއްދަތެއްދީފައެވެ.

ތޮއްޑޫ ކައުންސިލުން ބުނީ އެދެމަފިރިން ކައިވެނިކޮށްގެން އުޅޭތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށެވެ. އަދި އެ ދެމީހުންގެ އުމުރުން 13 އަހަރަށްދާ ފިރިހެން ކުއްޖަކު ހުންނަ ކަމަށާއި އަންހެން މީހާއަށް އަނިޔާކުރާތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.