މޯލްޑިވިސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ) ގެ އިސްލާމީ މަޖިލީހުގެ ރައީސް ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު މުހައްމަދު އަނީސް އަދި އިޖުތިމާއީ ކައުންސިލްގެ ރައީސް ކަމަށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޒިޔާދު އިންތިޚާބުވެއްޖެ އެވެ.

މި ދެ ބޭފުޅުންވެސް މި މަގާމުތަކަށް ހޮވިވަޑައިގަތީ އެ މަގާމުތަކަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނެތުމުން ނެވެ.

މި ދެބޭފުޅުން މި މަގާމުތަކަށް އިންތިޚާބުވެއްޖެކަން އިއުލާން ކުރެއްވީ އިއްޔެ ދަރުބާރު ގޭގައި ބޭއްވި އެމްޑީއޭގެ ކޮންގްރެސްގައެވެ.

އެމްޑީއޭގެ އިސްލާމީ މަޖިލީހުގެ ރައީސް ކަމަށް އަނީސް އަދި އިޖުތިމާއީ ކައުންސިލްގެ ރައީސަކަށް ޒިޔާދު އިންތިޚާބުކުރެވިގެން ދިޔަ އިރު އެޕާޓީގެ ލީޑަރުކަމަށް އިންތިހާބުވެފައި ވަނީ އިންތިގާލީ މަރުހަލާގައި ވެސް ލީޑަރުކަން ކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދެވެ.

އަދި ނައިބު ލީޑަރުންނަށް ހޮވިވަޑައިގެންފައި ވަނީ ވެސް އިންތިގާލީ މަރުހަލާގައި ވެސް ނައިބު ލީޑަރުކަން ކުރެއްވި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުގެ އިތުރުން އައިޝަތު ރަފިއްޔާ އެވެ.

މީގެ އިތުރުން ޕާޓީގެ އަސާސީ ގަވާއިދުގެ ހަތަރު ވަނަ ބާބުގެ 25 ވަނަ މާއްދާގެ (ހ) ގެ ދަށުން ޕާޓީގެ ލީޑަރަށް ލިބިދީފައިވާ ބާރުގެ ދަށުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ނައިބް ލީޑަރަކަށް އައްޔަން ކުރައްވާފައި އެވެ.

ޕާޓީގެ އިސް ގުނަވަންތަކަށް ބޭފުޅުން އައްޔަން ކުރެވިގެން ދިޔަ އިރު ޕާޓީގެ ގައުމީ މަޖިލީހަށް ހޮވާ 10 މެމްބަރުންނާއި ޒުވާނުން މަޖިލީހުގެ ރައީސްއާ ނައިބު ރައީސް އަދި އަންހެނުން މަޖިލީހުގެ ރައީސާގެ މަގާމަށް ވެސް އިއްޔެ ވަނީ ބޭފުޅުން އިންތިޚާބުކޮށްފައެވެ.