ކެންޔާ ޕާލަމެންޓްގެ މެމްބަރަކަށް ބަޔަކު ބަޑިން ހަމަލާދީ މަރާލައިފި އެވެ.

ކެންޔާ ފުލުހުންނާ ހަވާލާދީ ބީބީސީ އިން ބުނީ ޖޯޖް މުކާއީ ނަމަކަށް ކިޔާ އެ މެމްބަރު މަރައިލީ ބަޔަކު ވަރަށް މޮޅަށް ރާވައިގެން ދިން ހަމަލާއެއްގައި ކަމަށެވެ. އެގޮތުން އޭނާ ކެންޔާގެ ވެރިރަށް ނައިރޯބީގެ މަގެއްގެ މަތިން ކާރެއްގައި ދަނިކޮށް، ކާރުގައި ބަޔަކު ޖައްސައި މަޑު ކުރުވުމަށް ފަހު ވަރަށް ކައިރިން ބަޑިޖެހީ ކަމަށް ބީބީސީގެ ހަބަރުގައިވެ އެވެ.

ކެންޔާ ފުލުހުން ބުނެފައިވާ ގޮތުގައި މުކާއީ އަށް ހަމަލާދިން މީހުން ވަނީ އޭނާއާއި އޭނާގެ ދެ ބޮޑީގާޑުންގެ ގަޔަށް ހަތަރު ފަހަރު ބަޑި ޖަހާފަ އެވެ. އަދި އޭނާގެ ދެ ބޮޑީގާޑުން ވަނީ އެހަމަލާގެ ސަބަބުން ވަގުތުން މަރުވެފައި ކަމަށާއި އެމީހުންގެ ފިސްތޯލަތަކާއި ކާރުގައި އޮތް ބްރީފްކޭހެއް ހަމަލާ ދިން މީހުން ވަގަށް ގެންގޮސްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކެންޔާގެ ވެރިކަން ކުރާ ޖުބްލީ ކޯލިޝަނަށް ނިސްބަތްވާ މުކާއީ އަށް ހަމަލާ ދިން ސަބަބެއް އަދި ނޭނގެ އެވެ. އޭނާ މަރާލި ހާދިސާގެ އެގައުމުގެ ރައީސް އުހުރު ކެންޔައްޓާ އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާ ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.