08 Feb 2015, 11:58
ސްޕެނިޝް ލީގުގައި މިދިޔަ މަހު ކޯރޑޮބާއާ ދެކޮޅަށް ކުޅުނު މެޗުގައި ކުރި ފައުލަކާ ގުޅިގެން ދެ މެޗުގެ ސަސްޕެންޝަނެއްގައި ހުރި ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ސަސްޕެންޝަނަށް ފަހު ރެއާލް އާއެކު ކުޅުނު ފުރަތަމަ މެޗުން އެ ޓީމް ބަލިވެއްޖެއެވެ.
ލަލީގާގައި ތާވަލްގައި ތިންވަނަ މަގާމްގައި ހިފަހައްޓާލަމުން އަންނަ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ރޭ ރެއާލް ކުޅުނު މެޗުން އެ ޓީމް ބަލީވީ 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އެ މެޗުން ހޯދި ތިން ޕޮއިންޓާއެކު އެތުލެޓިކޯ މިހާރު ތާވަލްގެ ދެވަނަ ބާސެލޯނާއާ ޕޮއިންޓުގެ ގޮތުން ހަމަހަމަ ކޮށްފައި ވާއިރު، އެ ދެ ޓީމަށްވެސް ލިބިފައި ވަނީ 50 ޕޮއިންޓެވެ.
ރޭގެ މެޗުން ބަލިވިނަމަވެސް 54 ޕޮއިންޓާއެކު އަދިވެސް ރެއާލް ތާވަލްގެ އެއްވަނައިގައި އޮތް ނަމަވެސް، އެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅުނު ބާސާއަށް މިހާރު ވަނީ ރެއާލްއާ ދެމެދު ޕޮއިންޓުގެ ގޮތުން އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްލުމުގެ ފުރުސަތު އަނެއްކާވެސް ލިބިފައެވެ. މިރޭ ބާސާ ކުޅޭ މެޗުގައި އެ ޓީމް ނިކުންނާނީ ތާވަލްގެ 13 ގައި އޮތް އެތުލެޓިކް ކްލަބާ ދެކޮޅަށެވެ.
ރޭގެ މެޗު އެތުލެޓިކޯއިން ފެށީ ބަދުނަސީބު ގޮތަކަށެވެ. މެޗު ފެށިތާ މާގިނަ އިރު ނުވަނީސް އެ ޓީމްގެ މިޑްފީލްޑަރު ކޮކޭ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އެތުލެޓިކޯއަށް ދިޔައީ މެޗުގައި އަވަސް ބަދަލެއް ކުރަން މަޖުބޫރު ވެގެނެވެ.
އެތުލެޓިކޯގެ ކޮކޭގެ ބަދަލުގައި މިޑްފީލްޑަރު ސައުލް ކުޅެން އެރިތާ ހަތަރު މިނެޓުތެރޭ ތިއާގޯ ކާމިޔާބު ކުރި ލަނޑާއެކު އެތުލެޓިކޯ ވަނީ މެޗުގެ ލީޑު ނަގާފައެވެ. އޭގެ ހަތަރު މިނެޓު ފަހުން ކުޅެން އެރިތާ އަށް މިނެޓު ތެރޭ އެތުލެޓިކޯގެ ލީޑު ފުޅާ ކޮށްލަދިނީ ސައުލް އެވެ.
މެޗުގެ ފުރަތަމަ 20 މިނެޓުތެރޭ ރެއާލްގެ ފޮވާޑް ލައިންގައި މަސައްކަތް ކުރަމުން ދިޔަ ރޮނާލްޑޯ އާއި ބޭލް އަދި ބެންޒެމާއަށް ވަނީ އެއްވަރަކަށްވެސް ބޯޅަ ލިބޭގޮތް ނުވެފައެވެ. ދެ ލަނޑުގެ ލީޑަކާއެކު އެތުލެޓިކޯ ރެއާލް ފަހަތަށް ޖައްސާލައި، އެ ޓީމަށް ބޯޅަ ލިބުނަނުދީ ގިނަ ހަމަލާތަކެއް އުފެއްދިއިރު، ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުވެސް ރެއާލްގެ ފޯވާޑް ލައިނަށް ވަނީ މާ ގިނަ ވަގުތު ބޯޅަ ހިފައްޓައިގެން ކުޅެވޭގޮތް ނުވެފައެވެ.
މެޗުގެ ދެވަނަ ހާފްވެސް އެތުލެޓިކޯ ފެށީ ވަރުގަދަ ހަމަލާއަތަކާ އެކީ އެވެ. ދެވަނަ ހާފްގެ ފުރަތަމަ 15 މިނެޓުގައި އެތުލެޓިކޯ ރެއާލްގެ ގޯލަށް ނުރައްކާތެރި އެތައް ހަމަލާއެއް ފޮނުވާލިއިރު، މުޅި މެޗުގައިވެސް ރެއާލަށް އެތުލެޓިކޯގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ތިން ހަމަލާއެވެ.
ރެއާލްގެ އުންމީދުތައް އިތުރަށް ފަނޑުވީ 67 ވަނަ މިނެޓުގައި ގްރިޒްމަން ކާމިޔާބު ކުރި ލަނޑާއެކު އެތުލެޓިކޯ މެޗުގެ ލީޑު 3-0 ކަށް ފުޅާކޮށްލުމުން ނެވެ. މެޗުގެ އެންމެ ފަހު ވަގުތާ ހަމައަށްވެސް ރެއާލްގެ އެޓޭކިންގް ލައިނުން ރަނގަޅު ހަމަލާއެއް އުފެއްދިތަން ފެނިގެން ގޮސްފައި ނުވާއިރު، ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓުގައި އެތުލެޓިކޯގެ އެންމެ ފަހު ލަނޑު ކާމިޔާބުކޮށް، މެޗު އެ ޓީމަށް ކަށަވަރު ކޮށްދިނީ އެ ޓީމްގެ މަންޒުކިޗް އެވެ.