ސިޔާސީ ގޮތުން އެތައް ފަހަރަކު ކޯލިޝަން ހަދައި އެ ކޯލިޝަންތައް ރޫޅާލާފައި ހުންނެވި ބޭފުޅެއް ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި ބަހައްޓަން ބޭނުން ނުވާ ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ނުސީދާކޮށް، މޯލްޑިވްސް ޑިވެލޮަޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީއޭގެ ކޮންގްރެސް ނިންމުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން މައުރޫފު ވަނީ ސަރުކާރު ކޯލިޝަނުން ޖުމްހޫރީ ޕާޓީ (ޖޭޕީ) ވަކިވެފައިވާ ވާތީ އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އޭނާ ނުސީދާކޮށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ޖޭޕީ ބަލިވުމުން އެ ޕާޓީގެ ލީޑަރު ގާސިމު އިބްރާހީމް ވަޑައިގެން އިންނެވީ ގޭގައި ކަމަށާއި ގާސިމު ބޭރަށް ނުކުންނެވީ އެ ބޭފުޅުން ވަޑައިގެން އެކަމަށް އެދުމުން ކަމަށެވެ.

"ނާކާމިޔާބު ހަޖަމުނުވެ ކަންޒުގެ ތެރެއަށް ވަޑައިގެން ހަމަހިމޭންކަމާ އެކު އޮންނެވީ. އަޅުގަނޑުމެން ޓަކި ދިނީމާ ނުކުމެވަޑައިގަތީ. އަޅުގަނޑުމެންނާ އެކު ކޯލިޝަން ހެއްދެވީ ޝަރުތަކާ ނުލާ އިނގޭތޯ. ފާހާނާ ސާފުކުރަން ޖެއްސެވިއަސް މި ވެރިކަމާ އެކު ތިމަންނާ ހުންނާނަމޭ ވިދާޅުވި،" މައުރޫފު ވިދާޅުވި އެވެ.

ސަރުކާރު ކޯލިޝަންގައި ޖޭޕީ އޮތުމާ އެކު ގިނަ ފުރުސަތުތަކެއް ފަހިކޮށްދެއްވި ކަމަށް ވިދާޅުވެ މައުރޫފު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ 30 ޕަސެންޓް ޖޭޕީ އަށް ދީފައިވާ ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ 28 ގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު ވެސް ދިން ކަމަށެވެ.

"އެހެންނަމަވެސް ކިހިނެއްތޯ ވެގެން ދިޔައީ. އެމަނިކުފާނަށް އެވަރު ނުފުދިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ބޭނުންވެގެން އެމަނިކުފާނުގެ ވެރިކަމުގެ ދަހިވެތިކަމުގައި އެކަން ނާކާމިޔާބުވީމާ މި ކޯލިޝަން ރޫޅާލަން ޖެހުނީ،" މައުރޫފު ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ އަނެއް ނާއިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނިސްބަތުން އެެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ އެ ޕާޓީން ކަމަށެވެ.

"އަޅުގަނޑުމެން އެމްޑީއޭ އިން ވަނީ މަޖިލިސް އިންތިހާބުގައި ވެސް 80 އިންސައްތަ ހޯދާފައި. ނުވިތާކަށް ކައުންސިލް އިންތިހާބުގައި އަޅުގަނޑުމެން ވާނީ 100 ޕަސެންޓް ނަތީޖާ ނެރެފައި. އެހެންވީމާ މި ދަންނަވަނީ ޕާޓީ އަށް އެއްވެސް ފަރާތަކުން ގޮށް ނުޖެހެނޭނެކަން ހުންނާނީ ސާބިތުކޮށްދީފައި. އެކަން އަޅުގަނޑުމެންގެ އިންތިގާލީ މަރުހަލާގައި އޮންނާނީ ދައްކުވައިދީފައި،" އާމިރު ވިދާޅުވި އެވެ.

ރޭގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ހޯރަފުށި ދާއިރާގެ އެމްޑީއޭގެ މަޖިލިސް މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ 65 އަހަރުން މަތީ އުމުރުގެ މީހުންނަށް ވެރިކަމަށް ނާދެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް އޭނާ އިސްލާހެއް ހުށަހެޅުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެއީ އޭނާ އަށް ލިބިގެންވާ ހައްގެއް ކަމަށެވެ. މުހައްމަދު ވިދާޅުވީ އެ އިސްލާހު އޭނާ ހުށަހެޅުވުމުން ބިރު ދެއްކުމުގެ މެސެޖުތަކާއި އަދި އެހެނިހެން ވެސް އުނދަގޫތައް އޭނާ އަށް ކުރަމުން ދިޔަ ކަމަށެވެ.