އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބު ކުރި އިރު، ހަލް ސިޓީ އާއި ބައްދަލުކޮށް މެންޗެސްޓާ ސިޓީ ކުޅުނު މެޗު 1-1ގެ ނަތީޖާއަކުން އެއްވަރު ވުމުން ލީގުގައި ކުރިއަށް ދާން އަނެއްކާ ވެސް މެންޗެސްޓާ ސިޓީއަށް ދަތިތަކަކާއި ކުރިމަތިލާން ޖެހިއްޖެ އެވެ.

ރޭގެ ކާމިޔާބީއާ އެކު ޗެލްސީ ވަނީ މިހާރު ތާވަލްގައި 56 ޕޮއިންޓްގެ ލީޑެއް ހޯދައި ދެވަނާގައި އޮތް މެންޗެސްޓާ ސިޓީ އާއި އެ ޓީމާ ދެމެދު ޕޮއިންޓްގެ ގޮތުން އޮތް ފަރަގު ހަތް ޕޮއިންޓަށް ފުޅާކޮށްލާފަ އެވެ. އަދި ރޭ ކުޅުނު މެޗު އެއްވަރުވެ އެއް ޕޮއިންޓް ލިބުނު ސިޓީ މިހާރު 49 ޕޮއިންޓާ އެކު ތާވަލްގެ ދެވަނައިގައި އޮތް އިރު، ސައުތޭމްޕްޓަން ވަނީ ރޭ އެ ޓީމް ކުޅުނު މެޗު ކާމިޔާބުކޮށް، ސިޓީ އާއި އެޓީމާ ދެމެދު އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަ ކޮށްފަ އެވެ.

ރޭގެ މެޗުގެ އަށް ވަނަ މިނެޓުގައި އެޑަން ހަޒާޑް ކާމިޔާބު ކުރި ލަނޑާ އެކު މެޗުގެ ލީޑު ނެގީ ޗެލްސީ އެވެ. އަދި ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފައްޓާ، ހަމަޖެހިލައިން އެ ޓީމް ކުޅުނު ނަމަވެސް، ފުރަތަމަ ހާފް ނިމިނު އިރު އެ ޓީމަށް ވަނީ އިތުރަށް ލީޑު ފުޅާކޮށްލެވޭ ގޮތް ނުވެފަ އެވެ.

މެޗުގެ ދެވަނަ ހާފް ފެށިތާ ތިން މިނެޓުތެރޭ އެސްޓަން ވިލާގެ ޖޯސް އޮކޯ ކާމިޔާބުކުރި ލަނޑާ އެކު މެޗުގެ ނަތީޖާ ހަމަހަމަކޮށް އެސްޓަން ވިލާ ޗެލްސީ ސިއްސުވާލި އިރު، ދެވަނަ ހާފްގައި އެ ޓީމްގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ. ވިލާ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމުން ޗެލްސީ ރަނގަޅު ކައުންޓާތަކެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް، ވިލާ ކުރިއަށް ޖެހިލައިން ރަނގަޅު ހަމަލާތަކެއް އުފައްދަމުން ދިޔުމުގެ ސަބަބުން ޗެލްސީއަށް ވަނީ އުންދަގޫތަކަކާއި ކުރިމަތިލާން ޖެހިފަ އެވެ.

ޗެލްސީއަށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ނެގުނީ މެޗުގެ 66 ވަނަ މިނެޓުގައި އެ ޓީމްގެ އިވަނޮވިކް ކާމިޔާބު ކޮށްދިން ލަނޑާއެކު އެވެ. މެޗުގެ ދެވަނަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފައްޓައިން ކުޅެމުން އައި ވިލާ ނަތީޖާ ހަމަހަމަ ކުރަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެ ޓީމަށް ވަނީ އެކަން ވާގޮތް ނުވެފަ އެވެ.

ޗެލްސީ މެޗާ ހިލާފަށް ރޭ ސިޓީ ކުޅުނު މެޗުގައި ފެނިގެން ދިޔައީ ތާވަލްގެ އެންމެ ފުލުން ހަތަރު ވަނައިގައި ރެލިގޭޝަންގެ ތުންފަތްމަތީ އޮތް ހަލް ސިޓީ މެޗުގެ ލީޑު ނެގިތަނެވެ. ޑޭވިޑް މެއިލާ ކާމިޔާބުކުރި ލަނޑާ އެކު އެ ޓީމަށް މެޗުގެ ލީޑު ލިބިގެން ދިޔައީ 35 ވަނަ މިނެޓުގަ އެވެ.

ހަލް ލީޑު ނެގި ނަމަވެސް، ގޭމް ޑޮމިނޭޓް ކުރަމުން ދިޔައީ ސިޓީ އެވެ. އެ މެޗުގައި ސިޓީގެ ޒަބަލެޓާ، ނަވާސް އަދި ނަސްރީ ހަލްގެ ގޯލަށް އެތައް ފަހަރެއްގެ މަތިން ނުރައްކާ ކޮށްފައި ވާއިރު އެ ޓީމަށް ވަނީ އެންމެ ފަހުވަގުތާ ޖެހެންދެން ވެސް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފަ އެވެ.

ލަދުވެތި ބައްޔަކުން ސިޓީ ސަލާމަތްކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓުގެ ތެރޭ އެ ޓީމްގެ މިޑްފީލްޑަރު ޖޭމްސް މިލްނާ އެވެ. ލިބުނު ހިލޭ ޖެހުމަކުން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލާ އޭނާ ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދިން ނަމަވެސް، އަމިއްލަ ދަނޑުގައި މެޗު ކުޅެމުން ދިޔަ ސިޓީއަށް ޖެހުނީ ފަސޭހަ މެޗަކުން އެއް ޕޮއިންޓުން ފުއްދާލަންނެވެ.