ށ. އަތޮޅުން ކިނބުލެއްގެ ހިލަމެއް ވެގެން އެކަން ފުލުހުންނަށް ރިޕޯޓް ކުރުމުން ސަމާލުވުމަށް ފުލުހުން އަންގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވި ގޮތުގައި ށ. އަތޮޅު ފުނަދޫ ބޭރުގައި މަސްވެރިކަމުގައި ހަރަކާތްތެރިވި ބަޔަކަށް ކިނބުލެއް ފެނުނު ކަމަށް ބުނެ ރޭ 10:45 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

"ފުލުހުންނަށް ރިޕޯޓް ކުރުމުން ރޭ ވަނީ ފުނަދޫގެ ބައެއް ސަރަހައްދުތައް ބަލާފައި. ފުލުހުން އެކަން ބަލާނެ." މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކިނބުލެ ވާހަކައާ އެކު އެ އަތޮޅުގެ ރަށްތަކުގެ ރައްޔިތުން އެކަމަށް ސަމާލުވުމަށް އަންގާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ އެ ރަށުގެ ސަރަހައްދުތައް ބެލިބެލުމުން ކިނބުލުގެ ހިލަމެއް ވެސް ވެފައިނުވާ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުން މިހާރަކަށް އައިސް ކިނބޫ ފެންނަމުންދާ ކަމަށް ރިޕޯޓް ކުރަމުންދާ އިރު، ދާދިފަހަކުން ވަނީ ލ. އިސްދޫ ފަޅުތެރެއިން 10 ފޫޓްގެ ކިނބުލެއް ހިފައިފަ އެވެ. އަދި ހއ. ހޯރަފުށީ ކައިރިންނާއި ފިއްލަދޫ ކައިރިން ކިނބުލެއް ފެނިގެން ސިފައިންނަށް ދަނީ އޭތި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.