ޑިފެންސް މިނިސްޓަރުގެ މަގާމުން ވަކިކުރި، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ފުލުހުންގެ އިދާރާ އަށް ރޭ ހާޒިރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ބަޔާނެއް ނެގުމަށް ރޭގެ ވަގުތެއްގައި ނާޒިމް ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާ ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ނާޒިމު ރޭ ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގާފައި ނާޒިމް ދިރިއުޅުއްވާ ގ. އެނިފްގެ އިން މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހަތިޔާރު ފެނުނު ކަމަށް ފުލުހުން ބުނާ މައްސަލައަކާ ގުޅިގެންނެވެ.

ފުލުހުން ބުނެފައި ވަނީ އެގެއިން ނުވަ މިލިމީޓަރުގެ ފިސްތޯލައަކާއި މެގަޒިންގެ އިތުރުން އެ ހަތިޔާރާ ގުޅޭ ތިން ވަޒަނާއި ގޮވާތަކެތި ކަމަށް ބެލެވޭ އިމްޕްރޮވައިސް އެކްސްޕްލޯސިވް ޑިވަސްއަކާއި ޕެންޑްރައިވް އެއް ފެނިފައިވާ ކަމަށެވެ. އަދި ނާޒިމްގެ އެޕާޓްމަންޓުން ނުރައްކާތެރި ހަތިޔާރު ފެނުނު ނަމަވެސް އޭނާ ހައްޔަރުކޮށްފައި ނުވަނީ އެރޭގެ އެވަގުތާއި މީހާގެ ޕްރޮފައިލް އާއި ފެނުނު ސާމާނަށް ބެލުމަށް ފަހު ނާޒިމް ހައްޔަރު ނުކުރުން އެއީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ނުފެންނާތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ނާޒިމްގެ އަނބިކަބަލުންގެ، ގ. އެނިފް އިން ހަތިޔާރު ފެނު ކަމަށް ފުލުހުން ބުނާ މައްސަލައާ ގުޅިގެން ނާޒިމާއި އޭނާގެ އަންހެނުންގެ ޕާސްޕޯޓް ވަނީ އެއް މަސް ދުވަހަށް ހިފަހައްޓައިފަ އެވެ.