08 Feb 2015, 10:07
ދ. ހުޅުދެލީ ފަޅުތެރެއަށް ވަތް ގިނަ އަދަދެއްގެ ރާގޮނޑި ހިފައިފި އެވެ.
ހުޅުދެލިން ވާހަކަ ދެއްކި މީހަކު ބުނީ މިއަދު ހެނދުނު 6:45 އެހާކަންހާއިރުން ފެށިގެން އެ ރަށު ފަޅުތެރެއަށް ރާގޮނޑި ވަންނަން ފަށާފައިވާ ކަމަށެވެ.
އެގޮތުން އެ ރަށުގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް ނުކުމެ ރާގޮނޑި ހިފުމުގައި އުޅުނު ކަމަށާއި އަދި ރާގޮނޑި ހިފަން ނުކުތް އެންމެނަށް ބައި އަޅާ ގޮތަށް ރާގޮނޑިތައް ބެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

ރާގޮނޑިތަށް ހުޅުދެލި ރައްޔިތުންނަށް ބަހަނީ : ސަންފޮޓޯ--ކިޔުންތެރިއެއް
ހުޅުދެލިން ވާހަކަ ދެއްކި މީހާ ބުނީ ގާތްގަނޑަކަށް 10،000 ވަރަކަށް ރާގޮނޑި އެ ރަށު ފަޅުތެރެއަށް ވަދެފައިވާއިރު، 4،500 ރާގޮނޑި މިހާރު ހިފާފައިވާ ކަމަށެވެ. ސަން އަށް މައުލޫމާތު ދިން މީހާ ބުނީ ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުމާ ދިމާކޮށް އެ ރަށު ފަޅުތެރެއަށް ގިނަ އަދަދެއްގެ ރާގޮނޑި ވަންނަމުންދާ ކަމަށެވެ.
އެގޮތުން މިދިޔަ އަހަރު ވެސް ގިނަ އަދަދެއްގެ ރާގޮނޑި އެ ރަށު ފަޅުތެރެއަށް ވަތް ކަމަށެވެ.
އިރުވައި މޫސުމާ ދިމާކޮށް ރާއްޖޭގެ ގިނަ ރަށްރަށަށް ތަފާތު ވައްތަރުގެ މަސް ލައްގަމުންދާ އިރު، ތަފާތު ބާވަތްތަކުގެ ތަކެތި މި ދުވަސްވަރު ރާއްޖެ އަށް އާދެ އެވެ.