08 Feb 2015, 10:04
އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑަރޭޝަން (އައިޓީޓީއެފް) އިން އިންތިޒާމްކޮށްގެން ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޗެންޕިއަންޝިޕްގައި ރާއްޖެ އިން ވާދަކުރާ ގައުމީ ސްކޮޑު އެކުލަވާލައިފި އެވެ.
ރާއްޖޭގެ ގައުމީ ޓީޓީ ސްކޮޑު އެކުލަވާލާފައި ވަނީ ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނުން މިދިޔަ މަހު 25 ވަނަ ދުވަހުން ފެށިގެން މި މަހުގެ ދެ ވަނަ ދުވަހަށް ބޭއްވި ސެލެކްޝަން ޓްރައިލް ތަކަކަށް ފަހު އެވެ. އެ ޓްރައިލްތަކުގައި އަންހެން އަދި ފިރެހެން ކެޓަގަރީތައް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ތިން ރައުންޑްގެ ތަރައިލްއަށް ފަހު މުޅިއަކު 16 ޕޮއިންޓް ހޯދައިން ޓްރައިލްތަކުން އެއްވަނަ ކުޅުންތެރިއެއްގެ ގޮތުގައި ގައުމީ ފިރެހެން ސްކޮޑަށް ހޮވިފައި ވަނީ މިދިޔަ އަހަރު ބޭއްވި ގައުމީ ޓީޓީ މުބާރާތުގައި ފުރެހެން ސިންގަލްސްގެ ޗެންޕިއަންކަން ހޯދި މޫސާ މުންސިފް އެވެ. އަދި ޓްރައިލްތަކުން ނުވަ ޕޮއިންޓާ އެކު ދެވަނަ ކުޅުންތެރިއެއްގެ ގޮތުގައި މުހައްމަދު ޒީސްތު ހޮވުނުއިރު، ހަ ޕޮއިންޓާ އެކު ގައުމީ ފިރެހެން ސްކޮޑަށް ހޮވުނު ތިންވަނަ ކުޅުންތެރިއަކީ މުންތިފް އަހުމަދު އެވެ.
ގައުމީ އަންހެން ޓީޓީ ސްކޮޑަށް ކުޅުންތެރިން ހޮވަން ބޭއްވި ތިން ރައުންދުގެ ޓްރައިލަށް ފަހު 34 ޕޮއިންޓާ އެކު އެވަނަ ކުޅުންތެރިއެއްގެ ގޮތުގައި ސްކޮޑަށް ހޮވިފައި ވަނީ އެ މަގާމުގައި ވޭތުވެ ދިޔަ ހަތަރު އަހަރު ވެސް ހިފައްޓާލި މުއީނާ މުހައްމަދު ވައްޓާލުމަށް ފަހު އައިމިނަތު ޝިއުރާ އެވެ. އަދި 33 ޕޮއިންޓާ އެކު ދެވަނަ ކުޅުންތެރިއެއްގެ ގޮތުގައި މުއީނާ ގައުމީ އަންހެން ސްކޮޑަށް ހޮވިފައިވާ އިރު، ޓަރައިލްތަކުން 30 ޕޮއިންޓާ އެކު ސްކޮޑަށް ހޮވުނު ތިން ވަނަ ކުޅުންތެރިއަކީ ޖުމާނާ ނިމާލް އެވެ.
ގައުމީ ޓީޓީ ސްކޮޑު ހޮވުމުގެ ޓްރައިލްތަކުގައި ތިން ފިރެހެން ކުޅުންތެރިން ބައިވެރިވެފައިވާ އިރު، ޓަރައިލް ތަކުގައި ވަނީ އަންހެން ހަތް ކުޅުންތެރިން ބައިވެރިވެފަ އެވެ. އަދި އެ މުބާރާތުގައި ރާއްޖއިން ވާދަކުރާ ސްކޮޑަށް އިރުޝާދުދޭން މިއަހަރު ހަމަޖައްސާފައިވާ ކޯޗަކީ ގައުމީ ކޯޗް ހުސެއިން ރަޝިދު އެވެ.
އައިޓީޓީއެފްއިން ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޗެންޕިއަންޝިޕް މި އަހަރު ބާއްވަން ހަމަޖެހިފައި ވަނީ އޭޕްރިލް 26 އިން މެއި ތިންވަނަ ދުވަހާ ހަމައަށް ޗައިނާގެ ސޮޒޯ ގައެވެ. ކޮންމެ އަހަރަކުވެސް ބާއްވާ އެ މުބާރާތުގައި ޓީމް އިވެންޓާއި އިންޑިވިޖުއުލް އިވެންޓުތައް ހިމެނޭ އިރު، ކޮންމެ އަހަރަކު ވެސް ބާއްވަނީ އޭގެ ތެރެއިން އެއް އިވެންޓެވެ. އެގޮތުންމި އަހަރު ބާއްވަން ހަމަޖެހިފައި ވަނީ އެ މުބާރާތުގެ އިންޑިވިޖުއަލް އިވެންޓެވެ.