މިސްރުގެ ރައީސް މުޙައްމަދު ޙުސްނީ މުބާރަކްގެ ވެރިކަމުގައި ހެއްދެވި އެންމެ ބޮޑެތި ގޯސްތަކުގެ ގޮތުގައި މުޙައްލިމުން މައިގަނޑު ނުވަކަމެއް ފާހަގަކުރައްވައެވެ. އެކަންތައްތައް ތިރީގައި ފާހަގަކޮށްލަމެވެ.
1. މުބާރަކް ހެއްދެވި ގޯސްތަކުގެ ތެރޭން އެންމެ ވިސްނުންކުޑަ ގޯސްގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރަނީ ރައްޔިތުންގެ ގޮވާލުންތަކާ އެއްގޮތަށް މަޤާމުން ދުރުވެ ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ އެންމެފަހުވަގުތުވެސް ގޮތްދޫނުކުރެއްވުމަށްފަހު އެންމެފަހުން ވަރަށް ނިކަމެތި ގޮތަކަށް ވެރިކަން ދޫކޮށްލައްވަން ޖެހިވަޑައިގަތުމެވެ. މިކަމުގެ ސަބަބުން މުބާރަކަށް ޖެހިވަޑައިގަތީ ތޫނިސްގެ ކުރީގެ ރައީސް ބިންޢަލީއަށް ޖެހިވަޑައިގެންނެވި ޙާލެވެ.
2. ދެވަނަ ގޯހަކީ މިސްރުގެ އިޤްތިސާދު އާދައިގެ ވަރަކަށް ކުރިޔަށް ދިޔަނަމަވެސް ރައްޔިތުންނަށް ލިބެންޖެހޭ އިޤްތިސާދީ ޙިއްސާ ޤައުމުގެ މަދުބައަކަށް ލިބޭގޮތް ހައްދަވާފާ ގިނަބަޔަކު މިޙިއްސާއިން މަޙްރޫމް ކުރެއްވުމެވެ. މިކަމުގެ ސަބަބުން ފަގީރުންނާއި މުއްސަނދިންގެ ތަފާތު ބޮޑުވެ މަދުބަޔަކު މުއްސަނދިވެ ޤައުމުގެ ބޮޑުބައިގާ ފަގީރުކަމާއި މާޔޫސްކަން ޢާންމުވިއެވެ.
3. ސަރުކާރުގެ އިދާރާތަކުގައާއި ކުންފުނިތަކުގައި ކޮރަޕްޝަން ނުވަތަ ފަސާދަ ޢާންމުވެގެން ދިޔައިރު މިކަމާމެދު އަޅާނުލެއްވުމެވެ.
4. ދުރުވިސްނުން ކުޑަވުމާއި ރައްޔިތުން ނިކަމެތި ކުރުމުން ޤައުމަށް ކުރިމަތިވެދާނެ ނުރައްކާތަކާމެދު އަޅާނުލެއްވުމާއި ހުރިހާ ކަމެއްގައި އެމެރިކާއަށް ބަރޯސާ ވެވަޑައިގަތުމެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާގެ އެހީއަށް ބަރޯސާވާ ޤައުމަކަށް މުބާރަކްގެ ވެރިކަމުގައި މިސްރު ބަދަލުކުރެއްވިއެވެ.
5. ދިމުޤްރާތީ އިސްލާޙްތައް ޤައުމުގެ ސިޔާސީ ނިޒާމަށް ގެންނަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި ނަމަވެސް އެއިސްލާޙްތައް ނުގެންނެވުމާއި އިސްލާޙްތައް ގެންނެވުމަށް ލިބިވަޑައިގެންނެވި އެތަށް ފުރްސަތުތަކެއް ބޭކާރުކޮށްލެއްވުމެވެ.
6. ދަރިކަލުން ޖަމާލް މުބާރަކަށް ވެރިކަން ވާރުތަކުރެއްޥޭތޯ އަޑިއަޑިން މަސައްކަތް ކުރެއްވުމެވެ. އަދި މުއްސަނދި ވިޔަފާރިވެރިން ރުއްސުމަށްޓަކައި ޖަމާލް މުބާރަކް ގެ ބާރުއެޅުއްވުމުގެ މަތިން ގެންގުޅުއްވި އިޤްތިސާދީ ލެބެރަލް ސިޔާސަތުތަކުގެ ސަބަބުން އާދައިގެ ރައްޔިތު މީހާ ރުޅިއައުމާއި ރައްޔިތުންނާއެކު ކުރިން އޮތް ގުޅުންތައް ކެނޑިގެން ދިޔުމެވެ.
7. މުބާރަކްގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރި ޒުވާނުންނަކީ މާދެރަ ބައެއްގެ ގޮތުގައި ބައްލަވައި ޒުވާނުންގެ ހިއްވަރާއި ބާރު އެނގިވަޑައިނުގަތުމެވެ. ރައްޔިތުންނަށް މަކަރު ހެއްެދެވުމާއި އޮޅުވާލެއްވުމުގައި ހައްދުފަހަނަޅާ ދިޔުމެވެ.
8. އިންތިޚާބުތަކުގައި ރައްޔިތުންނަށް ދޮގު ވަޢްދުތައް ވުމާއި މަކަރުހެއްދެވުމާއި އިންތިޚާބުތަކުގައި މަކަރު ހެއްދެވުމެވެ. ކަންކަމުގައި ގާތްތިމާގެމީހުން މާބޮޑަށް އަރިސް ކުރެއްވުމާއި އެމީހުންނަށް ޚާއްސަ ފުރްސަތުތަކެއް ތަނަވަސްކޮށްދެއްވުމެވެ.
9. އަނިޔާވެރިކަން ކުރިޔަށް ނެރުއްވުމާއި ގޭންގް ގްރޫޕްތައް ނެރުއްވައިގެން، މުޒާހަރާކުރާ މީހުންނަށް ބިރުދެއްކުމާއި އެމީހުންނަށް ހަމަލާދެއްވުމުގެ މުޑުދާރު ޢަމަލުތަކެއް ހިންގެވުމެވެ.
10. (އެމެރިކާގެ ފޮރިންޕޮލިސީ މަޖައްލާ+ މުޙައްލިމުންގެ ބަޔާންތައް)