ވޮޝިންޓަން (ފެބްރުއަރީ 8): ނައިޖީރިޔާގައި މީހުން މެރުމާއި އަންހެންކުދިން ވަގަށް ނެގުމުގައި ހަރަކާތްތެރިވާ ނުރައްކާތެރި ޖަމާއަތެއް ކަމަށްވާ ބޫކޫހަރާމް ޖަމާއަތުގައި 6 ހާހަށް ވުރެ ގިނަ ޕްރޮފެޝަނަލް ހަނގުރާމަވެރިން އެބަތިބިކަމަށާއި ހަނގުރާމައިގެ ވިސްނުމުގެ ޒުވާނުން އެޖަމާއަތާ ގުޅެމުންދާ ކަމަށް އެމެރިކާގެ ޖާސޫސީ މަސްއޫލުވެރިން ވިދާޅުވެއްޖެ އެވެ.

ނަންހާމަކުރަންނޭދޭ ސީއައިއޭގެ މަސްއޫލުވެރިން ވިދާޅުވީ ބޫކޫހަރާމް ޖަމާއަތުގައި 6000 ހާހަށް ވުރެ ގިނަ ޕްރޮފެޝަނަލް ހަނގުރާމަވެރިން ތިބި ނަމަވެސް ނައިޖީރިޔާގެ ތެލުގެ އިންޑަސްޓްރީ އަށާއި ތެޔޮވަޅުތަކަށް އެޖަމާއަތުގެ ނުރައްކާ އަދި ނެތްކަމުގަ އެވެ. އަންހެންކުދިން ވަގަށް ނެގުމާއި މީހުން މެރުމުގެ އަމަލުތައް ފުޅާދާއިރާއެއްގައި ހިންގަމުންދާ ބޫކޫ ޙަރާމް ޖަމާއަތުގެ ހަނގުރާމަވެރިން މައިގަނޑުގޮތެއްގައި ހަރަކާތްތެރިވަނީ އެގައުމުގެ އިރުއުތުރުގެ ސަރަހައްދުތައް ކަމަށްވާ އަދަމާވާ، ބޯނީ އަދި ޔޫބީ ގައެވެ. މިޖަމާއަތުގެ ނުރައްކާ އަވަށްޓެރި ގައުމުތަކަށް އިތުރުވަމުންދާތީ އެފްރިކާގެ އިއްތިޙާދުންވަނީ އެޖަމާއަތް ބަލިކޮށްލުމުގެ ޚާއްސަ ޕްލޭނެއް އެކަށައަޅާފަ އެވެ.

އެޑިސްއަބާބާގައި މިދިޔަ ހަފްތާގައި ބޭއްވި އެފްރިކާގެ އިއްތިޙާދުގެ އިސްވެރިންގެ ސަމިޓުންވަނީ މިޕްލޭން ފާސްކޮށް ބޫކޫ ޙަރާމް ޖަމާއަތާ ކުރިމަތިލުމަށްޓަކައި ހުޅަނގު އެފްރިކާގެ ގައުމުތަކުގެ 7500 ސިފައިންގެ ލަޝްކަރެއް އެކުލަވާލުމަށް ނިންމާފަ އެވެ. މިލަޝްކަރުގައި ހިމެނުމަށް ހަމަޖައްސާފައިވާ ގައުމުތަކުގެ ތެރޭގައި ނައިޖީރިޔާގެ އިތުރުން ބެނިޔަން، ޗާޑް، ކެމަރޮން އަދި ނައިޖަރު ހިމެނެ އެވެ. ބޫކޫޙަރާމް ޖަމާއަތުން މިދިޔަ ހަފްތާގައި ސަރަހައްދީ ރޮނގު ހުރަސްކޮށް އަވަށްޓެރި ކެމަރޫންގެ ސިޓީއެއް ކަމަށްވާ ފޮޓޯކޯލް އަށް ޙަމަލާދީ 70 އަށްވުރެ ގިނަމީހުން މަރާލާފައިވާއިރު ނައިޖަރުގެ ރަށެއްކަމަށްވާ ބޫސޫއަށް ވެސް މިދިޔަ ހުކުރު ދުވަހު އެޖަމާއަތުގެ ޙަމަލާތަކެއް އަރާފައިވެ އެވެ. ބޫކޫ ހަރާމްގެ ނުރައްކާ އަވަށްޓެރި ގައުމުތަކަށް އިތުރުވަމުންދާތީ ޗާޑާއި ނައިޖަރުގެ ސިފައިންވެސްވަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް އެ ޖަމާއަތާ ދެކޮޅަށް ހަމަލާތައް ދެމުން ގެންދެ އެވެ.

ބޫކޫ ހަރާމުން ނައިޖީރިޔާގެ އަންހެންކުދިންގެ ބޯޑިން ސްކޫލަކަށް ޙަމަލާދީ 300 އަށްވުރެ ގިނަ އަންހެންކުދިން މިދިޔައަހަރު ވަގަށްނަގާފައިވާއިރު އެކުދިން މިނިވަން ކުރުމަށް ނައިޖިރިޔާގެ ސަލާމަތީ ބާރުތައްވަނީ ނާކާމިޔާބުވެފަ އެވެ. މިއަންހެންކުދިންތައް މިހާރުވަނީ އެޖަމާއަތުގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކަށް ބަހާލުމަށްފަހު އެޖަމާއަތުގެ ހަނގުރާމަވެރިންނާ ކައިވެނި ކުރުވާފައި ކަމަށް ޖާސޫސީ ރިޕޯޓްތައް ބުނެ އެވެ. އދ. ގެ ސަލާމަތީ މަޖިލީހުން މިދިޔަ ހަފްތާގައި ވަނީ ބޫކޫ ހަރާމް ޖަމާއަތަކީ ދުނިޔޭގެ އަމަނާއި ސަލާމަތަށްއޮތް ބޮޑު ނުރައްކަލެއްކަމަށް ސިފަކޮށް ބަޔާނެއް ނެރެފަ އެވެ. މިބަޔާނުގައި ހުޅަނގުގެ އެފްރިކާގެ ގައުމުތަކުން ބޫކޫ ހަރާމް ޖަމާއަތާ ކުރިމަތިލުމަށްޓަކައި މިހާރަށްވުރެ ބޮޑަށް ސަރަހައްދީ ފެންވަރުގައި އެއްބާރުލައި އަސްކަރީ ހަމަލާތައް ވިލަރެސް ކުރުމަށް ގޮވާލާފައިވެ އެވެ. (ނޫސްއެޖެންސީތައް)