ގާހިރާ (ފެބްރުއަރީ 8) : ސްވޭސް ކެނެލްއަށް އަމާޒުކޮށް ޓެރަރިސްޓް ޙަމަލާތަކެއް ދިނުމުގެ ބިރެއް ނެތްކަމަށާ މިސްރުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތްތަކުގެ ނުރައްކަލެއް ވެސް ސްވޭސް ކެނެލްއަށް ނެތްކަމަށް މިސްރުން ބުނެފި އެވެ.
މިސްރުގެ އަމަނާ ބެހޭ ފަރާތްތަކުން އިއްޔެ ބުނީ ސްވޭސްކެނަލް އިން ދަތުރުކުރާ ބޯޓުތަކަށް ޙަމަލާދިނުމަށް ތައްޔާރުކޮށްފައިވާ ގްރާޑް މަރުކާގެ ދެރޮކެޓް އެކެނަލްގެ އިރުމަތީ ސަރަހައްދަކުން ފެނިފައިވީ ނަމަވެސް ކެނެލައަށް އެއްވެސް ނުރައްކަލެއް ނެތް ކަމުގަ އެވެ. މިސްރުގެ އިރުމަތީގެ ސިޓީއެއް ކަމަށްވާ އިސްމާޢީލިއްޔާއާއި ސްވޭސް ކެނެލް ނިސްބަތްވާ ސްވޭސް ސިޓީ ގުޅިފައިވާ ހިސާބުން ފެނުނުކަމަށް ބުނާ ގްރާޑް މަރުކާގެ ދެރޮކެޓް ވަނީ މިސްރު ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މި ދެ ރޮކެޓް ފެނުމާގުޅިގެން މިސްރުގެ ސިފައިންނާއި ފުލުހުން ގުޅިގެން ސްވޭސް ކެނެލްގައި ވަނީ ސަލާމަތީކަންކަން ހުރިނެތް ގޮތް ބެލުމުގެ އޮޕަރޭޝަނެއް ހިންގުމަށް ފަހު އެކެނެލްގެ ބައެއް ސަރަހައްދުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.

ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ތަންތަނުގެ ތެރޭގައި ޚާއްސަކޮށް ސްވޭސް ކެނެލްގެ ދެފަރާތު އައްސޭރި ފަށާއި އިސްމާޢީލިއްޔާއާއި ސްވޭސް ގުޅިފައިވާ ހިސާބު ހިމެނެ އެވެ. ސްވޭސް ކެނެލްގެ އިރުމަތީ ފަޅީގައިވާ މިސްރުގެ ސައިނާއަކީ އައިއެސް ޖަމާއަތުގެ ހަރުކަށި ފިކުރަށް ނިސްބަތްވާ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ "ވިލާޔަތު ސައިނާ" ޖަމާއަތް ހަރަކާތްތެރިވަމުންދާ ސަރަހައްދެކެވެ.

ސައިނާގައި އެޖަމާއަތުން ދާދި ފަހުން ހިންގި ބޮމާއި ރޮކެޓްގެ ޙަމަލާތަކެއްގައި މިސްރުގެ ސަލާމަތީ ބާރުތަކަށް ނިސްބަތްވާ 30 މީހުން މަރުވެ 70 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެ އެވެ. މިޖަމާއަތް ވަނީ މިސްރުގެ އިގްތިސާދީ މަރުކަޒުތަކަށް ވެސް ޙަމަލާތައް ދޭނެކަމުގެ އިންޒާރު ދީފަ އެވެ. މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ވަނީ ސްވޭސް ކެނެލް އިން ހުރަސްކުރާ ބޯޓުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރުމުގެ ގޮތުން އެކެނެލްގެ އިރުމަތީގައި ގާއިމްކޮށްފައިވާ މިސްރު ސިފައިންގެ ކޮމާންޑްތައް، ގުޅިފައިވާ އެއްކޮމާންޑެއްގެ ދަށަށް ގެނައުމުގެ ރިޔާސީ އަމުރެއް ދާދިފަހުން ނެރުއްވާފަ އެވެ. މިއީ ސައިނާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކާ ކުރިމަތިލުމުގެ ގޮތުން ސީސީ ނިންމެވި ނިންމެވުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ސްވޭސް ކެނެލްއަކީ މިސްރަށް އަހަރަކު އެތަށް ބިލިޔަން ޑޮލަރެއްގެ އާމްދަނީ ލިބޭ ސްޓްރެޓީޖިކް ކެނެލްއެކެވެ.(އަލްޖަޒީރާ)