08 Feb 2015, 09:31
ކޮފީ ނިންމާލުމަށް ފަހު ބިލް ގެނަން އެދުނީމެވެ. ބިލަށް އެރީ 145 ރުފިޔާ އެވެ. އެއަށް ދެން އިތުރުވީ ސާވިސް ޗާޖްގެ ގޮތުގައި 14.50 ރުފިޔާ އާއި ޖީއެސްޓީގެ ގޮތުގައި 8.70 ރުފިޔާ އެވެ. އެހެން ކަމުން ބިލުގެ ޖުމުލަ 168.20 ރުފިޔާއަށް އެރި އެވެ. ކޮންމެއަކަސް ބިލް ދައްކަން 200 ރުފިޔާ ދީފީމެވެ. ބާކީ ލިބުނީ 31.50 ރުފިޔާ އެވެ. ލިބެން ޖެހޭ 30 ލާރި މަދެވެ. ސުވާލުކުރުމުން ސޭޓް ބުނީ ވަކިލާރި ދެވެން ނެތް ކަމަށެވެ.
އެއީ ކުޑަ ލާރިކޮޅެއްވީމަ މާ ބޮޑު ކަމަކަށް ނުހަދައި ދިޔައީ އެވެ. ދެން ވަނީ ކަންމަތީ އިން ފިހާރައަށް ރީލޯޑް ކުރާށެވެ. ދިހަ ރުފިޔާގެ ރީލޯޑެއް ކުރަން ސޭޓަކަށް އިން ޖިންސުއްލަތީފަށް 11 ރުފިޔާދީނީމެވެ. މާގިނަ އިރެއްނުވެ ރީލޯޑް ކޮށްދީފި އެވެ. އެކަމަކު އެތައް އިރަކު ހުރެ ވެސް ބާކީ ފައިސާއެއް ނުދިނެވެ. ލަދުންހުރެ އެއަންހެން ކުއްޖާ ގާތު ބާކީ ކޮބާތޯ އަހައިލީމެވެ. އޭނާ ވެސް ބުނީ ބާކީ ނުދެވޭނެ ކަމަށެވެ. އާއެކެވެ. ހަމަ 40 ލާރި ކަޓުވާލީ އެވެ. އެއީ ވެސް ލާރިކޮޅެއްވީމަ މާ ބޮޑު ކަމަކަށް ނުހަދައި ނުކުތީ އެވެ.
ގަޑިއިރެއްހާއިރު ތެރޭގައި އަހަރެންގެ އަތުން ވެސް ހައްގަކާއި ނުލައި އެގެއްލުނީ 70 ލާރި އެވެ. މަހެއްގެ މައްޗަށް އެގޮތަށް އެތައް ބައެއްގެ އަތުން އެތައް ރުފިޔާއެއް އެހެން ލާރީގެ މަގުން ގޮއްސަ ހުންނާނެ ހެއްޔެވެ. އަދި ކިތައް ވިޔަފާރި އަށް ނުހައްގު ކިތައް ރުފިޔާ ހޯދާފައި ހުންނާނެ ހެއްޔެވެ.
މިދައްކަން އުޅެނީ ވަރަށް އާންމު ކަމެއްގެ ވާހަކަ އެވެ. ޖީއެސްޓީ ލާރީގެ ނަމުގައި އެތައް ބައެއްގެ އަތުން ނުހައްގުން އެތައް ރުފިޔާއެއް ނަގަމުން އަންނަ ވާހަކަ އެވެ. ދެހާސް ތޭރަ ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ވިއްކާ މުދަލުގަޔާއި ދޭ ހިދުމަތްތަކުގައި އަގު ޖަހަންޖެހޭނީ ޖީއެސްޓީ ވެސް ހިމަނައިގެން ކަމަށްވާ އިރު އެ މުދަލާއި ހިދުމަތުގެ އަގުގެ ގޮތުގައި ލާރިކޮޅެއް ހިމަނާފައި ހުންނަތަން ވަރަށް ގިނައިން ފެނެ އެވެ. ނަމަވެސް އެއީ ނަމެއްގައި ހިމަނާފައި ހުންނަ ލާރިކޮޅެކެވެ. ހަމަ ރުފިޔާއެއް ޗާޖު ކުރެ އެވެ.

މިއީ އެތައް ކަސްޓަމަރެއްގެ ޝަކުވާ އެވެ. ވާނީ ވެސް އެހެންތާ އެވެ. ނަގާފަހަރު ލާރިކޮޅެއް ނެގިޔަސް މަހެއްގެ މައްޗަށް އެމޭރުމުން އެތައް ފައިސާއެއް އޮންނަނީ ހަރަދު ކުރެވިފަ އެވެ. ހަގީގަތައް ބަލާއިރު ޖީއެސްޓީކަމަށް ބުނެ މުދަލާއި ހިދުމަތްތަކުން އަގު ނަގާއިރު ޓެކްސްގެ ގޮތުގައި ޖަހާލާ ފައިސާ ވެފައި ވަނީ ރުފިޔާއެއް ހޯދުމަށް ކުރާ ކަމަކަށެވެ. އެއީ ޖީއެސްޓީގެ ނަމުގައި މަކަރު ހަދަން ލިބޭ ފުރުސަތެކެވެ.
"އަހަރެން އުޅޭ ހިސާބުގައި 10 ރުފިޔާގެ ރީލޯޑަކަށް 60 ލާރީގެ ބަދަލުގައި ނަގަނީ ދެ ރުފިޔާ. އަދި ވަރަށް ގިނަ ފިހާރަތަކުން ވެސް ހަ ލާރި ޖީއެސްޓީ ކަނޑަންށޭކިޔާފައި ބާކީ 96 ލާރި ނުދޭ. މިއީ ހަމަ ޖީއެސްޓީގެ ނަމުގައި ރައްޔިތުންގެ އަތުން ނުހައްގުގައި ފައިދާ ހޯދުމެއްނޫންތޯ؟" ސަންގެ ހަބަރަކަށް ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވެ އެވެ.
އެކަމާ ގުޅިގެން ވިޔަފާރިވެރިންގެ ބަސް ތަފާތެވެ. އެމީހުން ބުނާގޮތުން ވަކި ލާރި ފައިސާ ނުދެވެނީ އެލާރި ނުލިބޭތީ އެވެ. އެލާރި ހޯދަން އެތައް މަސައްކަތެއް ކުރުމުން ވެސް ނުލިބޭ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެ އެވެ.
"ވަކި ލާރިހޯދުމަށް އެމްއެމްއޭ އާއި މީރާގައި އެދުމުން ވެސް ވަކި ލާރިއެއް ނުލިބޭ، ދެން ކިހިނެއް ވަކިލާރިދޭނީ." ކަންމަތީ ފިހާރައެއްގެ ސޭޓް ބުންޏެވެ.
ނަމަވެސް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މެނޭޖަރު މީޑިއާ އެންޑް ކޮމިއުނިކޭޝަން އަހުމަދު ފަޒާލް ވިދާޅުވި ގޮތުގައި އެމްއެމްއޭ އިން ދަނީ ވަކީލާރި ދޫކުރަމުންނެވެ. އެގޮތުން ބަންދު ނޫން ކޮންމެ ދުވަހަކު ވެސް އެހިދުމަތް ދެމުންދާކަމަށް އޭނާ ވިދާޅުވި އެވެ.
ވިޔަފާރިވެރިންގެ ވާހަކަތަކަށް ބަލާއިރު ދެން ބުނަމުން ދަނީ ބާކީ ލާރި ދިނަސް ގިނަ ފަރާތްތަކުން އެލާރި ނުގެންދާ ކަމަށެވެ. އަނެއް ބައި ވިޔަފާރި ވެރިން ބުނަނީ ގިނަ މުދަލުން ޖީއެސްޓީ ފައިސާ ނުނަގާ ފައިދާ ކުޑަކޮށް އެމީހުން ވިޔަފާރި ކުރަމުން އަންނަ ކަމަށެވެ.
ޑިރެކްޓާ ޖެނެރަލް އޮފް އޮޑިޓް އެންޑް އިންވެސްޓިގޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވި ގޮތުގައި ބާކީ ވަކި ލާރި ނުލިބޭ މައްސައަކީ އެ އޮތީރިޓީ އަށް ވަރަށް ގިނައިން ހުށައެޅަމުންދާ މައްސަލައެއް ކަމަށާއި ހާއްސަކޮށް ޓެލެކޮމިއުނިކޭޝަން ދާއިރާ އިން ޓެކްސް ނަގަން ފެށުމުގެ ކުރީ ކޮޅު ޝަކުވާ ލިބެމުން ދިޔަ ކަމަށެވެ. ވަކިލާރި ނުދިނުމަކީ މައްސަލައެއް ކަމަށާއި ކިތަންމެ ކުޑަ އަދަދެއް ވިޔަސް ބާކީ ލާރި ދޭންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބާކީ ލާރި ނުދީގެން އަޅުގަނޑުމެންނަށް އެމައްސަލަ ހުށައެޅުމުން މައްސަލަ ބަލާނަން،" ފަތުހުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަކި ލާރި ބޭނުންވާ ވިޔަފާރިތަކަށް ލާރި ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި ޓެލެކޮމިއުނިކޭޝަން ދާއިރާ އިން ޓެކްސް ނަގަން ފެށުމުން ބާކީ ލާރި ލިބުމަށް ދިމާވާ މައްސަލަ ހައްލުކުރުމަށް "ފިކްސްޑް" އަދަދެއް ނަގަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
"ކަމާބެހޭ ފަރާތްތަކާ އެކު އެބަ މަޝްވަރާ ކުރެވޭ ސީދާ އަގެއް ނަގަން، މިސާލަކަށް 10 ރުފިޔާ ނަގާފައި ރީލޯޑް ދާއިރު ނުވަ ރުފިޔާ ލާރިކޮޅެއް ފޯނަށް ދާގޮތަށް، އެގޮތަށް ދަނީ މަޝްވަރާ ކުރެވެމުން." ފަތުހުﷲ ވިދާޅުވި އެވެ.
މުދަލެއް ގަތުމަށް ބާކީވާ ވަކި ލާރި ނުދިނުމުގެ މައްސަލައަކީ ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު ވަކި ލާރީގެ މައްސަލައަކީ އޭރު ވަރަށް ބޮޑަށް ފެންމަތިވި މައްސަލައެކެވެ. ނަމަވެސް އެކަން ފަހުން ހައްލުވުމުގެ މައިގަނޑު ސަބަބަކަށްވީ "ފިކްސްޑު" އެމައުންޓެއް ގިނަ ފިހާރަތަކުން ބޭނުން ކުރަން ފެށުމުންނެވެ. އެގޮތުން ލާރި ނުނަގާ އެއަދަދު ރުފިޔާއަކަށް ބަދަލުކޮށްލީ އެވެ. ރީލޯޑާއި ކެފޭ ރެސްޓޮރެންޓުތަކަށް ވެސް އޮތް ހައްލަކީ މިއީކަމަށް ބެލެވެ އެވެ.