ގާނޫނު އަސާސީ ހިމާޔަތް ކުރުމުގެ ނަމުގައި ނުކުމެވަޑައިގެން އުޅުއްވާ އިދިކޮޅު ފަރާތްތަކުން މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ހަމަވަންދެން ގޭގައި މަޑުކޮށްލެއްވުން މާ ބުއްދިވެރިވާނެ ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
~
އެމްޑީއޭގެ ކޮންގްރެސް ނިންމުމުގެ ހަފްލާގައި މިރޭ ދަރުބާރުގޭގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ ރައީސް ޔާމިންގެ ވެރިކަމުގައި ފޭރުމާއި ވައްކަމާއި އަދި އެހެނިހެން ބޮޑެތި ކުށްތައް މަދުވެއްޖެ ކަމަށެވެ. ސިޔާމް ވިދާޅުވީ އެފަދަ ހުރިހާ އަމަލުތަކެއް ރާއްޖެ ގެނެސްފައިވާ ބަޔަކީ "އަޅުގަނޑުމެންގެ ފަހަތުގައި ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުންދާ ފަރާތްތައް،" ކަމަށެވެ.

"ކުރިމަގުގައި އަންނަން ހުރި ކަންތައްތަކަށް ބަޔަކު ހުރަސް އަޅަން އުޅޭ ނަމަ އެކަމުގެ ދެރަ ވަރަށް އަވަހަށް ލިބިގެން ހިނގައިދާނެ. ތިބޭފުޅުން ބައްލަވާ އިރާގު، ތިބޭފުޅުން ބައްލަވާ ޕާކިސްތާން. މިތަންތަނަށް ވެގެން މިދަނީ ކިހިނެއްތޯ.. އާދެ. ވެރިކަމުގެ ދަހިވެތިކަމުގައި ބަޔަކު މީހުން އަންނަނީ އެގައުމުތަކުގެ ރައްޔިތުން ގުރުބާންކުރުރަމުން،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ މިއަދު ގައުމުން ވެސް އެފަދަ މަންޒަރުތައް ފެންނަމުންދާ ކަމަށެވެ. އެގޮތުން ވެރިކަމުގެ ދަތިވެތިކަމުގައި އުޅޭ ބަޔަކު ގައުމުގެ ރައްޔިތުން ގުރުބާންކުރަމުންދާ ކަމަށާއި އިދިކޮޅު އެމްޑީޕީއާ ޖުމްހޫރީ ޕާޓީއަށް ފާޑު ވިދާޅުވަމުން ސިޔާމް ވިދާޅުވީ ގާނޫނީ ވެރިކަމެއް ވައްޓާލުމަކީ "ގާނޫނު އަސާސީއާ ހިލާފު" ކަމެއް ކަމަށެވެ.

"ގާނޫނީ ހައިސިއްޔަތުން ހޮވިފައިވާ ސަރުކާރެއް ވައްޓާލަން މަސައްކަތް ކުރުމަކީ ގާނޫނުތަކާއި އަދި ގާނޫނު އަސާސީއާ ހިލާފު ކަމެއް. އެވެރިކަން ވައްޓާލަން ޖެހޭނީ ނުވަތަ ވެރިކަން ވެއްޓެންޖެހޭނީ ގާނޫނީ ތަރަހައިގެ ތެރެއިން. މީހުންނަށް ބިރުދައްކާ މީހުންނަށް ސިހުރު ހަދާ މީސްމީހުން އެކި ހަތިޔާރު އެއްޗެއްހި އެތެރެކޮށް މިފަދަ އަމަލުތައް ކުރާކަމަށް ވާނަމަ މިއީ ގާނޫނު އަސާސީއާ ހިލާފު ކަންތައް،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އަންނަނީ ވެރިކަމުގެ ދަހިވެތިކަމުގައި "ސިހުރު ހާހޫރު ހަދަމުން" ކަމަށެވެ. އަދި އެފަދަ ކަންކަމުން ދުރުވުމަށް އިދިކޮޅު ފަރާތްތަކަށް އޭނާ ވަނީ ގޮވާލާފަ އެވެ.

މިރޭގެ ހަފްލާގައި ސިޔާމް ވަނީ އެމްޑީއޭ ގެ ހުރިހާ މެމްބަރުން ވެސް މި އަހަރު ނިމުމުގެ ކުރިން ފަންސަވީސް ހާސް މެމްބަރުން ހަމަ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވުމަށް އެ ޕާޓީގެ މެމްބަރުންގެ ކިބައިން އިލްތިމާސް ކުރައްވާފަ އެވެ.