މޯލްޑިވްސް ޑިވެލޮޕްމަންޓު އެލެޔަންސް (އެމްޑީއޭ) ގެ އަސާސީ ގަވާއިދުގައި ލީޑަރަށް ލިބިދީފައިވާ ބާރުގެ ދަށުން އެ ޕާޓީގެ ނައިބު ލީޑަރަކަށް މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފި އެވެ.

ދަރުބާރު ގޭގައި މިއަދު ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި އެކަން ވަނީ އިއުލާންކޮށްފަ އެވެ.

އެމްޑީއޭގެ އަސާސީ ގަވާއިދުގެ ހަތަރު ވަނަ ބާބުގެ 27 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ އެ ޕާޓީގައި ޖުމްލަ ހަތަރު ޑެޕިއުޓީ ލީޑަރުން ތިބެންވާނެ ކަމަށެވެ. އަދި އޭގެތެރެއިން އެއް ޑެޕިއުޓީ ލީޑަރު ކަމުގެ މަގާމަށް އައްޔަން ކުރާނީ ޕާޓީގެ ލީޑަރު ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.

އެމްޑީއޭގެ ނައިބު ލީޑަރު ކަމުގެ މަގާމަށް ފުރަތަމަ ފަހަރަށް އިންތިހާބުވެވަޑައިގެންނެވި މުއިއްޒު މިއަދު "ސަން" އަށް ވިދާޅުވީ ޕާޓީގެ ލީޑަރުގެ ލަފާގެ މަތީންނާ އަދި ދެން ތިއްބެވި ޑެޕިއުޓީ ލީޑަރުންނާ ގުޅިގެން އެމްޑީއޭގެ ކުރިއެރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"އެގޮތުން ޕާޓީގެ ލީޑަރު އެދިލެއްވި ގޮތަށް ޕާޓީގެ މެމްބަޝިޕް އެތައް ގުނައަކަށް މި ދުވަސްކޮޅުގެ ތެރޭގައި އިތުރު ކުރުމަކީ ވެސް އަޅުގަނޑު މި މަގާމުގައި ހުންނަވައިގެން ކުރައްވާނެ ވަރަށް ބޮޑު އެއް މަސައްކަތް. އެ މަސައްކަތް ކުރަމުންދާނީ އެހެން ނަމަވެސް ޕާޓީގެ ދެން ތިއްބެވި ޑެޕިއުޓީ ލީޑަރުންނާ އެހެން ބޭފުޅުންނާ ގުޅިގެން. އެކަމަށްޓަކައި އަޅުގަނޑުމެން ސްޓްރެޓެޖީއެއް ރާވައިގެން މަސައްކަތްތަކެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން އެމްޑީއޭ މިވަގުތު ހާއްސަކުރެވިފައި ވަނީ ދެތިން އަތޮޅަކަށް ކަމަށާއި އަދި އެ ސްޓްރެޓެޖީ އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ސަރުކާރު ކޯލިޝަންގައި އޮތް ޕާޓީއެއް. އަޅުގަނޑުމެން އަތޮޅުތެރޭގައި ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މަސައްކަތް ކުރާއިރު ޕީޕީއެމްގެ މެމްބަރުން އަޅުގަނޑުމެން ޕާޓީއަށް ގެނެސް އެކަހަލަ ކަންތައްތަކެއް އަޅުގަނޑުމެންނެއް ނުކުރާނަން. އެ ސްޓްރެޓެޖީ އަޅުގަނޑުމެން ހިފަހައްޓާނަން،" މުއިއްޒު ވިދާޅުވި އެވެ.

އެމްޑީއޭގެ ނައިބު ލީޑަރަކަށް މުއިއްޒު އައްޔަން ކުރެވިގެން ދިޔައިރު އިންތިގާލީ މަރުހަލާގައި އެމްޑީއޭ އިން އަމަލުކުރަމުންދިޔަ އަސާސީ ގަވާއިދު ވެސް އިސްލާހުކޮށް ވަނީ ފާސްކުރައްވާފައި އެވެ. އަސާސީ ގަވާއިދު ފާސްކޮށްފައި ވަނީ ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ. މިއަދުގެ ހެނދުނު ދަންފަޅީގައި އަސާސީ ގަވާއިދަށް ޖުމުލަ 18 އިސްލާހެއް ހުށަހަޅާފައިވާއިރު އޭގެތެރެއިން 15 އިސްލާހު ވަނީ ފާސްވެފައެވެ.