އެއީ މީގެ 30 ވަރަކަށް އަހަރު ކުރިން ކަނޑުމަތީގައި ހިނގި ނުރައްކާތެރި ހާދިސާއެކެވެ. މަނިޔަފުށި ކައިރިއަށް ދޯންޏެއް އަޑިގޮސް، ބަޔަކު ކަނޑުވި އެވެ. ފަރަށް އެރި ބޯޓު ފުންނުކުރެވި އެތައް ބަޔަކު މަރުވި އެވެ. ފުރާނަ ނެތް ހަށިތައް ފެންމައްޗަށް އެރި އެވެ. އެ ހާދިސާގެ މަންޒަރުތައް ފެނުނު މީހުން މިހާރު ވެސް ދުނިޔޭގައި އެބަތިއްބެވެ. ނަމަވެސް އަރުޝީފުތަކުން އެ ހާދިސާ މިއަދު ފެންނާކަށް ނެތެވެ.
~
އެ އަސަރުގަދަ ހާދިސާ ލަވައެއްގެ ސިފައިގައި އަދިވެސް އަޑުއިވެމުން އެބަދެ އެވެ. އެއީ "އެރޭ ހާދަ ރުއިމޭ" މި ލަވަ އެވެ. މިހާރުގެ ޖީލަށް އެ ލަވައިގެ އަސްލެއް ނޭނގެ އެވެ. އެއްބަޔަކު ހީކުރަނީ އެއީ ލޯބީގެ ހިތާމަވެރި ލަވައެއްގެ ގޮތުގަ އެވެ.

އުމަރު ޒާހިރު ކިޔާފައިވާ "އެރޭ ހާދަ ރުއިމޭ" ލަވަ ހެއްދެވީ އެ ހާދިސާގައި މަރުވި ހަސްމެއްގެ ދަރިއެކެވެ. އެއީ ގ. ޕެންޒީމާގެ މައުސޫމް ޝާކިރެ އެވެ. ކަނޑަށް ޣަރަގުވެެންދިޔަ ދޯނީގައި އޭނާގެ މަންމަ އާއި ބައްޕަ މަރުވި އެވެ. އަދި އެ އާއިލާގެ އިތުރު މެމްބަރުންތަކެއް މަރުވި ކަމަށްވެ އެވެ.

އަސަރުގަދަ އެ ލަވަ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. ޓުވީޓަކުން އެމަނިކުފާނު އެލަވަ ވިދާޅުވި އިރު، ވެރިކަން ބަދަލުވިތާ މިއަދަށް 1،096 ދުވަސްވީ އެވެ. އެމްޑީޕީގެ ވެރިކަން ނިމުމަކަށް އައިތާ ތިން އަހަރުވީ އެވެ.



އެމަނިކުފާނު އެ ވިދާޅުވެލައްވާ ލަވަ ވެރިކަން ބަދަލުވުމުގެ ހާދިސާއާ ގުޅުމެއް ނެތެވެ. ނަމަވެސް ސޯޝަލް މީޑިއާގެ ތެރޭގައި ނަޝީދު އެ ލަވަ މިއަދު ވިދާޅުވާންވީ ކީއްވެތޯ އެވެ؟ ޕެންޒީމާގޭގެ އާއިލާއަށް ދިމާވި އެ ހާދިސާގެ ހަނދާން އާ ކޮށްލީ ކަމަށްވެދާނެ އެވެ. ވެރިކަން ބަދަލުވުމުގެ ހާދިސާއަކީ އެމަނިކުފާނުގެ ވެރިކަމުގެ އޮޑި ޣަރަގުވި ދުވަހެއްގެ ގޮތުގައި ދެކެވަޑައިގަންނަވަނީ ކަމަށް ވެސް ވެދާނެ އެވެ.

"އެރޭ ހާދަ ރުއިމޭ، ހަނދާންވޭ އެ މަންޒަރު

ދުށީ ދާދި ކައިރިން ނިދާލާފަ ވާތީ،"
ފެބްރުއަރީ 7، 2012: ރައީސް ކަމުން އިސްތިއުފާ ދެއްވިކަން ރައީސް ނަޝީދު އިއުލާން ކުރައްވަނީ-- ސަން ފޮޓޯ/ އަލީ ނަސީރު

އެ ލަވަ ކިޔާފައިވާ އުމަރު ޒާހިރު މިރޭ "ސަން"އަށް ބުނީ އޭނާ އެ ލަވަ ކިޔާފައި ވާނީ މައުސޫމް ބޭނުންވި ގޮތަށް އަސަރު ގަދަކޮށް ކަމަށެވެ. ނަޝީދު މިރޭ ވިދާޅުވި ޅެން ބައިތުގެ ތަންކޮޅެއް އުމަރު ވަނީ ޝަރަހަކޮށްދީފަ އެވެ.

"އޭނާގެ މަންމައާއި ބައްޕަ ނިޔާވެދިއުމުން، ގިސްލާ ރުއި ކަމަށް މައުސޫމްގެ ޅެމުގައި ބުނެފައި އެ އޮތީ. އަދި މަރުވެފައި ތިބި މަންމަ އާއި ބައްޕަ ފެނުމުން، އެ ދެ މީހުން އަރާމު ނިއްޖަކުން ނިދާފައި ތިބި ކަމަށް މައުސޫމް އެ ބުނަމުންދަނީ،" އުމަރު ބުންޏެވެ.

ގ. ކެނެރީގޭގައި ފެބްރުއަރީ 9، 2012ގައި ނަޝީދު މީޑީއާއަށް ވިދާޅުވީ ވެރިކަން ދޫކޮށްލައްވަން ޖެހިވަޑައިގަތުމުން ވަރަށް ދެރަވި ކަމަށެވެ. "ވަރަށް ދެރަވި އަޅުގަނޑު. އަޅުގަނޑު ވަރަށް ދެރަވި. އަޅުގަނޑު ވަރަށް، ވަރަށް ދެރަވި. އަދި ވެސް ދެރަވޭ."
ފެބްރުއަރީ 9، 2012: ރައީސް ނަޝީދު ބޭރުގެ ނޫސްވެރިންނާއި ރާއްޖޭގެ ނޫސްވެރިންނާއެކު ގ. ކެނެރީގޭގައި-- ސަން ފޮޓޯ/ އަލީ ނަސީރު

އެމަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވާ ގޮތުގައި ނަޝީދުގެ ވެރިކަން ބަދަލުވި ދުވަސްކޮޅު އެމަނިކުފާނު އަވަހާރަފުޅު ނުލައްޕައެވެ. އަދި ބައެއް ފަހަރު މޫނު ފެންނަ އިރު ކީރިތި ކުރައްވާފައި ހުންނަހެން ހީވާ ކަމަށް ވެސް އަރިހުގައި އުޅުއްވި ބޭފުޅުން ވިދާޅުވެފައިވެ އެވެ.

ވެރިކަމަކީ އަރާމެކެވެ. އެއީ ލައްޒަތެކެވެ. އެ ތަހުތަށް އާދަވޭނީ ލައްކަ މަސައްކަތުންނެވެ. ހިކުމަތުގެ ހިލްމު ހުރެގެންނެވެ. އެހާ މަސައްކަތުން ހޯދި ތަންމަތި ދޫކޮށްލަންޖެހުމުން އަސަރުގަދަ ލަވައެއް ވިދާޅުވުމަކުން މައްސަލައެއް ނެތެވެ. އެ ދުވަސް މާޒީވުމުން، އެ ހަނދާންތައް އާކޮށްދޭނެ ބައިވެރިޔައީ ރީތި ރާގަކުން ކިޔާ ޅެމެކެވެ.
ފެބްރުއަކީ 7، 2012: އެމްއެންޑީއެފްގެ އިސް އޮފިސަރުންތަކަކާއެކު ރައީސް ނަޝީދު ޖުމްހޫރީ މައިދާނުގައި-- ސަން ފޮޓޯ/ އަލީ ނަސީރު