07 Feb 2015, 21:33
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ގައުމީ މަޖިލީހުގެ 10 މެމްބަރުން މިއަދު އިންތިހާބުކޮށްފި އެވެ.
އެމްޑީއޭގެ އަސާސީ ގަވާއިދުގައި ބުނެފައި ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގައި ޕާޓީގެ ކޮންގްރެހުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ 10 މެމްބަރުން ތިބެންވާނެ ކަމަށެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި އެމްޑީއޭގެ ކޮންގްރެސް ބައްދަލުވުމުގައި ގައުމީ މަޖިލީހަށް ބޭފުޅުން އައްޔަން ކުރުމަށް 221 މެމްބަރުން ވޯޓުލާފައިވެ އެވެ.
ގައުމީ މަޖިލީހަށް އިންތިހާބުވި މެމްބަރުންނަކީ އަހުމަދު އިބްރާހިމާއި ހުސައިން ސާލިހް މުހައްމަދާއި ހާމިދު އަހުމަދާއި އިބްރާހިމް އަސްލަމާއި ފަތުހުﷲ އަބްދުއްރައްޒާގާއި އަބްދުލް ގާދިރު މުހައްމަދެވެ. އަދި ހަމައެއާ އެކު ޚޫރުޝީދު ތައުފީގާއި ހާޝިމް އަބޫބަކުރާއި އަހުމަދު ނަޝިދުގެ އިތުރުން އަލީ ނަސީރު އާދަމް ވެސް ވަނީ އެމްޑީއޭގެ ގައުމީ މަޖިލީހަށް މިއަދު އިންތިހާބުކޮށްފަ އެވެ.
މީގެ އިތުރުން އެމްޑީއޭގެ އަސާސީ ގަވާއިދުގެ ހަތަރު ވަނަ ބާބުގެ 27 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތަށް ޕާޓީގެ ލީޑަރަށް ލިބިދީފައިވާ ބާރުގެ ދަށުން ގައުމީ މަޖިލީހަށް ފަސް މެމްބަރުން ވެސް މިއަދުގެ ކޮންގްރެހުގައި ވަނީ އައްޔަންކޮށްފަ އެވެ.
ގައުމީ މަޖިލީހަށް އައްޔަންކުރެއްވި މެމްބަރުންނަކީ އަހުމަދު ޝާކިރާއި މުހައްމަދު އައްބާސް އާއި އިބްރާހިމް ހަބީބު އާއި އިބްރާހިމް ޒަމީރުގެ އިތުރުން މޫސާ ރަޝީދު އެވެ.
އެމްޑީއޭގެ ގައުމީ މަޖިލީހުގައި 35 މެމްބަރުން ތިއްބަވަ އެވެ.