މޯލްޑިވްސް ޑިވެލޮޕްމަންޓް އެލެޔަންސް (އެމްޑީއޭ)ގެ ލީޑަރަކަށް އިންތިގާލީ މަރުހަލާގައި ވެސް އެ ޕާޓީގެ ލީޑަރެއްގެ ގޮތުގައި ހުންނެވި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު އިންތިހާބުވެ ވަޑައިގެންފި އެވެ.

ސިޔާމް އެ މަގާމަށް އިންތިހާބުވެ ވަޑައިގެންފައި ވަނީ އެމްޑީއޭގެ ލީޑަރު ކަމަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވުމުން ވޯޓަކާ ނުލަ އެވެ.

އެމްޑީއޭގެ ލީޑަރު ކަމަށް ސިޔާމް އިންތިހާބުވެ ވަޑައިގެންނެވި އިރު އެ ޕާޓީގެ ނައިބު ލީޑަރަކަށް އިންތިހާބުވެފައި ވަނީ އިންތިގާލީ މަރުހަލާގައި ވެސް ނައިބު ލީޑަރުކަން ކުރެއްވި ތިން ބޭފުޅުން ކަމަށްވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުގެ އިތުރުން އައިޝަތު ރަފިއްޔާ އެވެ.

މީގެ އިތުރުން ޕާޓީގެ އަސާސީ ގަވާއިދުގެ ހަތަރު ވަނަ ބާބުގެ 25 ވަނަ މާއްދާގެ (ހ) ގެ ދަށުން ޕާޓީގެ ލީޑަރަށް ލިބިދީފައިވާ ބާރުގެ ދަށުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ނައިބް ލީޑަރަކަށް އައްޔަން ކުރައްވާފައި އެވެ.

ޕާޓީގެ އިސް ގުނަވަންތަކަށް ބޭފުޅުން އައްޔަން ކުރެވިގެން ދިޔަ އިރު ޕާޓީގެ ގައުމީ މަޖިލީހަށް ހޮވާ 10 މެމްބަރުންނާއި ޒުވާނުން މަޖިލީހުގެ ރައީސްއާ ނައިބު ރައީސް އަދި އަންހެނުން މަޖިލީހުގެ ރައީސާގެ މަގާމަށް ވެސް މިއަދު ވަނީ ބޭފުޅުން އައްޔަން ކުރައްވައިފަ އެވެ.