07 Feb 2015, 19:42
މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ) ގެ ޒުވާނުންގެ މަޖިލީހުގެ ރައީސަކަށް އަހުމަދު ރީހާން އަދި އަންހެނުންގެ މަޖިލީހުގެ ރައީސާއަކަށް ނަޒީރާ އިބްރާހިމް މަނިކު އިންތިޚާބުކޮށްފި އެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި އެމްޑީއޭގެ ކޮންގްރެސްގައި ޒުވާނުންގެ މަޖިލީހުގެ ރައީސަކަށް ރީހާން ހޮވިވަޑައިގަތީ 140 ވޯޓުން ނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އަބްދުލް ހަލީމް އަބްދުލް ޣަފޫރަށް ލިބިވަޑައިގަތީ 58 ވޯޓެވެ. އަދި ޒުވާނުންގެ މަޖިލީހުގެ ރައީސް ކަމަށް ވާދަކުރެއްވި އަނެއް ކެންޑިޑޭޓު މުއާޒު ހަލީމަށް ލިބިވަޑައިގަތީ 15 ވޯޓެވެ.
ޒުވާނުންގެ މަޖިލީހުގެ ނައިބު ރައީސަކަށް ހޮވިވަޑައިގަތީ ޝުއައިބު ޝިފާޒު ޝަރީފު އެވެ. އޭނާ އެ މަގާމަށް އިންތިހާބުވެވަޑައިގަތީ 141 ވޯޓުން ނެވެ.
އަންހެނުންގެ މަޖިލީހުގެ ރައީސާއަކަށް ހޮވިވަޑައިގެން ނަޒީރާ އިބްރާހިމް މަނިކަށް ލިބިވަޑައިގަތީ 163 ވޯޓެވެ. އަދި އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ސުނީތާ މުހައްމަދަށް ލިބިވަޑައިގަތީ 56 ވޯޓެވެ.