12 Feb 2011, 10:36
މިސްރުގެ ރައީސް ޙުސްނީ މުބާރަކް ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ 1928 ވަނަ އަހަރު މިސްރުގެ އަލްމުނޫފިއްޔާ ގަވަރނޭޓްގެ ވިލެޖެއްކަމަށްވާ ކަފަރުލްމުސައިލަޙާގައެވެ. މިއީ ޤާހިރާގެ އުތުރުގައިވާ ތަނެކެވެ.
ޕްރައިމަރީ ތައުލީމާއި ޘާނަވީ ތަޢްލީމު ޙާސިލްކުރެއްވުމަށްފަހު މުބާރަކް ސިފައިންގެ އެކަޑަމީއަށް ވެދެވަޑައިގެން 1948 ގައި ޢަސްކަރީ ޢިލްމުން ޑިގްރީ ޙާސިލް ކުރެއްވިއެވެ. އެއަށްފަހު އެއަރފޯސް އެކަޑަމީއަށް ވަދެވަޑައިގެން 1950 ވަނަ އަހަރު ވައިގެ ބާރުތަކާބެހޭ ޢިލްމުންވެސް ޑިގްރީ ޙާސިލް ކުރެއްވިއެވެ. އެއަށްފަހު ސިފައިންގެ ޚިދްމަތަށް ވަދެވަޑައިގެންނެވިއެވެ.
ސިފައިންގެ ޚިދްމަތުގައި އުޅުއްވަމުން ކުރީގެ ސޮވިއެޓް ޔުނިޔަން އަށް ވަޑައިގެން ޢަސްކަރީ ރޮނގުން ޕޯސްޓް ގްރޭޖްއޭޓް ތަޢްލީމް ޙާސިލް ކުރެއްވިއެވެ. އަދި 1967 ގައި އެއަރފޯސް އެކަޑަމީގެ ޑައިރެކްޓަރ ކަމުގެ މަޤާމް ލިބިވަޑައިގެންނެވިއެވެ. އަދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި މިސްރުގެ ވައިގެ ބާރުތަކުގެ ކޮމާންޑަރު ކަމަށް މުބާރަކް ޢައްޔަން ކުރެވުނެވެ. އަދި 1972 ގައި ދިފާޢީ ވަޒީރުކަމުގެ ނައިބު ކަމުގެ މަޤާމަށް މުބާރަކް އިސްކުރެވުނެވެ.
ނަވާރަސްތޭކަ ހަތްދިހަ ތިނެއްގައި ގައި ހިނގައިދިޔަ މިސްރާއި އިސްރާއީލުގެ ހަނގުރާމައިގައި މުބާރަކް ވަރަށް މުހިއްމު ދައުރެއް އަދާކުރެއްވިއެވެ. މިހަނގުރާމައިގައި މިސްރަށް ލިބުނު ކާމިޔާބީގައި މުބާރަކްގެ ދައުރު ވަރަށް ބޮޑެވެ. މިކާމިޔާބުގެ ނަތީޖާއެއްގެ ގޮތުން އޭރުގެ ރައީސް އަންވަރުއްސާދާތް، މުބާރަކަށް ޖެނެރަލެއްގެ މަޤާމް ދެއްވިއެވެ. މުބާރަކަށް ނައިބު ރައީސްކަން ލިބިވަޑައިގަތީ 1975 ގައެވެ. އެއަށްފަހު އިސްރާއީލާއެކު މިސްރުން ދައްކަން ފެށި ސުލްޙައިގެ ވާހަކަތަކުގައި މުބާރަކް ވަރަށް އިސް ދައުރެއް އަދާކުރެއްވިއެވެ. މިމުއާހަދާގެ ސަބަބުން ސަބަބުން މިސްރުގެ ރައްޔިތުންގެ މެދުގައި ޚިޔާލުތަފާތުވުންތައް އުފެދި އިސްލާމީ ދުނިޔެއާއި ޢަރަބި ދުނިޔޭގައި މިސްރުގެ ޤަދަރު ވަރަށް ބޮޑަށް ވެއްޓިގެން ދިޔައެވެ. އަދި 1979 ގައި އިސްރާއީލާއެކު މިސްރުން ސޮއިކުރި ސުލްޙައިގެ މުޢާހަދާއަށްފަހު 1981 ގައި އޭރުގެ ރައީސް އަންވަރުއްސާދާތް އަވަހާރަކޮށްލެވުމުން އެއަހަރު މިސްރުގެ ވެރިކަން ޙުސްނީ މުބާރަކަށް ލިބިވަޑައިގެންނެވިއެވެ. އެއަށްފަހު މިއީ މުބާރަކްގެ ރިޔާސީ ފަސްވަނަ ދައުރެވެ.
މުބާރަކްގެ ޝަޚްސީ ހަޔާތަށް ބަލާއިރު އޭނާއަކީ ދުންފަތުގެ އިސްތިޢްމާލް ނުކުރައްވާ އަދި ވަރަށް ބޮޑަށް ކަސްރަތު ކުރައްވާ ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. މުބާރަކް އަނބިކަނބަލުންނަކީ ސޫޒާން އެވެ. ސޫޒާންގެ ބައްޕައަކީ މިސްރުގެ ފިރިހެނެކެވެ. މަންމައަކީ އިނގިރޭސިވިލާތުގެ އަންހެނެކެވެ. ސޫޒާން ކިޔަވައި ވިދާޅުވީ މިސްރުގައި ހުންނަ އެމެރިކަން ޔުނިވަރސިޓިންނެވެ. މުބާރަކްގެ ދެފިރިހެން ބޭފުޅުން ތިއްބަވައެވެ. އެއީ 49 އަހަރުގެ ޢަލާ އާއި 47 އަހަރުގެ ޖަމާލްއެވެ. މިދެބޭފުޅުންނަކީވެސް ދެ ވިޔަފާރިވެރިންނެވެ.
(ބީ.ބީ.ސީ)