07 Feb 2015, 18:04
ކުދި އަދި އަދި މެދުފަންތީގެ އަމިއްލަ ވިޔަފާރިތައް އުފެއްދުމަށް ޝައުގުވެރިވާ ޒުވާނުންނަށް ސަރުކާރުން ދޫކުރާ ލޯނަށް އެދި، އިއްޔެގެ ނިޔަލަށް މުޅި ރާއްޖެއިން 35 ފަރާތަކުން ފޯމް ހުށަހަޅާފައިވާ ކަމަށް ޔޫތް މިނިސްޓްރީން ބުނެފި އެވެ.
އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް 300،000 ރުފިޔާ އާއި 800،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯން ހޯދަން "ގެޓްސެޓް" ސްކީމަށް ފޯމް ހުށަހަޅަން ހުޅުވާލީ މިމަހުގެ އެކަކުން ފެށިގެން މިމަހުގެ ނިޔަލަށެވެ. އެ ލޯނު ލިބޭނީ ވިޔަފާރި ފަށާނެ ރަނގަޅު ހިޔާލަކާއެކު މަދުވެގެން ދެ ޒުވާނަކު ފޯމް ހުށަހެޅުމުންނެވެ.
އެ ސްކީމަށް ފޯމް ބަލައިގަންނަތާ 48 ގަޑިއިރުގެ ތެރޭގައި ފޯމަށް ޖަވާބުދޭއިރު، ޔޫތް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ހުސެއިން އަމީން ވިދާޅުވީ، އިއްޔެ ނިޔަލަށް ހުށަހެޅި 35 ފޯމުގެ ތެރެއިން 14 ފޯމެއް މިހާރު ޕްރޮސެސްކޮށް ޖަވާބު ދީފައިވާ ކަމަށެވެ.
އެ ސްކީމަށް ފޯމްތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ގެޓްސެޓް އޮފީހުންނާއި ޔޫތް މިނިސްޓްރީގެ މައި އޮފީހުގެ އިތުރުން މާފަންނު ޒުވާނުންގެ މަރުކަޒުންނެވެ. އަދި ގެޓްސެޓް އީމެއިލް (applications[at]getset.mv) އަށް ވެސް އެޕްލިކޭޝަންތައް ފޮނުވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން ޕޯސްޓް މެދުވެރިކޮށް ރާއްޖޭގެ އަތޮޅުތެރޭގައި ހުންނަ މޯލްޑިވްސް ޕޯސްޓުގެ ހިދުމަތްދޭ އޮފީސްތައް މެދުވެރިކޮށް ވެސް ފޯމްތައް ހުށާހެޅޭނެ ކަމަށް ޔޫތު މިނިސްޓްރީ އިން ބުންޏެވެ.
ޔޫތް މިނިސްޓްރީން ބުނީ، ލޯނު ލިބޭ ފަރާތްތަކުން ލޯނު އަނބުރާ ދައްކަން ފަށަން ޖެހޭ ތާރީޚަކާއި ދައްކަން ޖެހޭ އިންޓަރެސްޓް ރޭޓެއް ކަނޑައަޅާނީ ވިޔަފާރީގެ ބާވަތާއި، ބޮޑު ކުޑަމިނާއި، ލިބޭނެ ކަމަށް ލަފާ ކުރާ ފައިދާއަށް ބަލައި، ދެފަރާތް މަޝްވަރާ ކުރުމަށްފަހުގަ އެވެ.
ވިޔަފާރިތައް އުފެއްދުމަށް ޝައުގުވެރިވާ ޒުވާނުންނަށް ސަރުކާރުން ފެށި 200 މިލިއަން ރުފިޔާގެ އެ ސްކީމުގެ ދަށުން އެންމެ ބޮޑުވެގެން ލޯނުގެ އިންޓްރެސްޓް ރޭޓް އަރާނީ އަށް ޕަސެންޓަށެވެ.