07 Feb 2015, 17:37
ބަންގްލަދޭޝްގެ ބަސްތަކެއްގައި ބަޔަކު ހުޅުޖެހުމުގެ ސަބަބުން ނުވަ މީހުން މަރުވެ، 30 މީހުން ޒަހަމްވެއްޖެ އެވެ.
ބަންގްލަދޭޝްގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުނީ އުތުރުގައިވާ ގައިބަންދާއިން ވެރިރަށް ޑާކާއަށް ދަތުރުކުރަމުން ދިޔަ ބަހެއްގައި ބަޔަކު ހުޅުޖެހުމުން ހަ މީހުން މަރުވި ކަމަށެވެ. އަދި ބުނީ މީހުންނައިގެން ފުރިފައިވާ އެބަހުގައި ބަޔަކު އަލިފާން ރޯކުރީ ޕެޓްރޯލް ބޮންތަކެއް އުކައިގެން ކަމަށެވެ. މިއަދު ހިނގި އެފަދަ ދެވަނަ ހާދިސާގައި ދެކުނުގެ ބަރިސާލް ޕްރޮވިންސްގައި ދިން ހަމަލާއެއްގައި އެހެން ތިން މީހަކު މަރުވެފައިވާ ކަމަށެވެ.
ބަންގްލަދޭޝްގައި އެގައުމުގެ ސަރުކާރާ ދެކޮޅު ހަރަކާތްތައް މިދިޔަ މަހު ފެށި ފަހުން މިހާތަނަށް ހިނގި ހަމަނުޖެހުންތަކުގައި މަދުވެގެން 70 މީހުން ވަނީ މަރުވެފައެވެ.
އެ ހާދިސާތަކުގެ ޒިންމާ ބަންގްލަދޭޝް ސަރުކާރުން އަޅުވަނީ އިދިކޮޅުމީހުންގެ ބޮލުގައެވެ. އެގޮތުން ބަހެއްގައި އަލިފާން ޖެހި ހާދިސާއަކާ ގުޅިގެން އިދިކޮޅު ލީޑަރު ޚާލިދާ ޒިޔާއާ ދެކޮޅަށް ސަރުކާރުން މިދިޔަ ހަފުތާގައި ދައުވާކޮށްފައެވެ. ބަހެއްގައި ހުޅުޖެހުމުން ހަތް މީހުން މަރުވި އެހަމަލާއަށް ބާރު އެޅުއްވީ ޚާލިދާ ކަމަށް ބުނެ ކޮށްފައިވާ އެ ދައުވާއަށް އޭނާ ވަނީ އިންކާރު ކުރައްވާފައެވެ.
ބަންގްލަދޭޝް ސަރުކާރުން ވަނީ އެގައުމުގެ މުޒާހަރާތައް ފެށުނު ފަހުން މިހާތަނަށް 7000 މީހުން ހައްޔަރުކޮށްފައެވެ.