07 Feb 2015, 17:24
ދަތުރުވެރިންގެ މާރުކޭޓެއްގައި ގަވައިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ 18 ގޮޅިއެއް ހުސްކޮށްފި އެވެ.
ހައުސިން މިނިސްޓުރީގެ އެކްޒެކްޓިވް ކޯޑިނޭޓަރު އަބްދުﷲ ޝަރީފް މިއަދު ސަން އަށް ވިދާޅުވީ އެ 18 ގޮޅީގައި ވިޔަފާރި ކުރަމުން ދިޔަ ފަރާތްތަކަކީ އެއްވެސް އެގްރިމެންޓެއްނެތި ވިޔަފާރި ކުރަމުންދިޔަ ބައެއް ކަމަށެވެ.
"އެމީހުންނަކީ ގަވައިދާ ހިލާފަށް ވަދެ ތިބި ބަޔެއް ކަމަށް ބެލެވެނީ. އެ ތަން ދޫކޮށް ނުކުތުމަށް ވަރަށް ގިނަ ނަސޭހަތްދީ ވަރަށް ނޯޓިސް ދެވިފައި ވާނީ، އަދި އެ މީހުންނަށް ރަސްމީކޮށް ހައުސިން މިނިސްޓުރީއިން އަންގާފަ އޮންނާނީވެސް،" ޝަރީފް ވިދާޅުވިއެވެ.
ހައުސިން މިނިސްޓްރީގެ ސުޕަވައިޒަރުން މިއަދު އެ ގޮޅިތައް ހުސްކުރަމުންދާއިރު ދެން އެ ގޮޅިތަކުން ފުރުސަތު ލިބޭނީ ހަމައެކަނި ދަތުރުވެރިންނަށް ކަމަށާއި ކުރިން ދަތުރުވެރިންނަށް ޖާގަ ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ސުޕަވައިޒަރުން ދަތުރުވެރިންގެ މާރުކޭޓާއި މަސްވެރިންގެ މާރުކޭޓް ބަލަހައްޓަން ތިބޭނެ،" ޝަރީފް ވިދާޅުވިއެވެ.
ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަކީ ބަޔަކު ދާއިމީ ގޮތެއްގައި ވިޔަފާރި ކުރާ ތަނަކަށް ކުރިން ހަދާފައިވުމުން ރަށްރަށުން ވިޔަފާރި ކުރަން އަންނަ ފަރާތްތަކުން އެއްޗެތި ވިއްކަން ތިބެން ޖެހެނީ މަގުމަތީގަ އެވެ.