ބާލިން (ފެބްރުއަރީ 7) : ޖަރުމަނުގެ މިޔުނިކްގައި ކުރިޔަށްދާ އަމަނާބެހޭ ކޮންފަރެންސްގައި އިސްރާއީލެވެކިޔާ ޒަޔަނިސްޓް ދައުލަތް ބައިވެރިވާތީ އެކަމާ އިޙްތިޖާޖް ކުރުމުގެ ގޮތުން އެ ކޮންފަރެންސުން ތުރުކީ ވަކިވެއްޖެވެ.

މިކަން ހާމަކުރައްވަމުން ބާލިންގައި ދެއްވި ބަޔާނެއްގައި ތުރުކީގެ ޚާރިޖީ ވަޒީރު މަވްލޫދު ޖާވީޝް އޮގްލޯ ވިދާޅުވީ އިސްރާއީލަކީ އަނިޔާވެރި ގައުމެއްގެ އިތުރުން ސުލްހައަށް ނުރައްކާކޮށް އެހެންގައުމުތަކަށް ޙަމަލާދޭ އުދުވާނީ ގައުމެއް ކަމަށާ ސުލްޙައާއި އަމަނަށް މަސައްކަތްކުރާ ކޮންފަރެނެސެއްގައި އިސްރާއީލު ބައިވެރިވުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫން ކަމުގައެވެ. އޮގްލޯ ވިދާޅުވިގޮތުގައި މިޔުނިކްގެ ކޮންފަރެންސްގައި އިސްރާއީލު ބައިވެރިވީ މެދުއިރުމައްޗާބެހޭ ސެޝަންގައި ކުރިން އަންގާލުމެއްނެތި އެންމެ ފަހު ވަގުތުގައެވެ.

އިސްރާއީލަކީ 2010 ވަނަ އަހަރު ތުރުކީގެ މަދަނީ އާގުބޯޓަކަށް އިސްވެ ޙަމަލާދީ އޭގައިތިބި ތުރުކީ ރައްޔިތުންގެ ތެރެއިން 9 މީހުން މަރާލާފައިވާ އަނިޔާވެރި ގައުމެކެވެ.

އިސްރާއީލުގެ މިޖަރީމާއާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގާ އަނިޔާވެރި އަދި ލާއިންސާނީ އަމަލުތަކުގެ ސަބަބުން ތުރުކީންވަނީ އިސްރާއީލާ ގުޅުންތައް ކަނޑާލައި އިސްރާއީލު ބޮއިކަޓް ކޮށްފައެވެ. މިކަމުގެ ސަބަބުން މެދުއިރުމަތީގައި އެކަހެރިވެފައިވާ އިސްރާއީލުގެ އެކަހެރިކަން ކުރިޔަށްވުރެވެސް ވަނީ ބޮޑުވެގެން ގޮސްފައެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކަކީ ނާޒީ ޖަރުމަނުގެ ވެރިޔާ އެޑޮލްފް ހިޓްލަރު ޔަހޫދީންނާ ދެކޮޅަށް ހިންގިކަމަށްބުނާ އަނިޔާވެރި އަމަލުތަކާ އެއްފަދަ އަމަލުތަކެއް ކަމަށް ސިފަކުރައްވާފައެވެ. އަދި ފަރަންސޭސިވިލާތުގެ ޗާލީ އެބްޑޫ ނޫހުގެ އިދާރާއަށް ޙަމަލާތައްދިންޓެރަރިސްޓުންނާއި އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އަކީ އެއްބާވަތުގެ ޖަރީމާތަކެއް ހިންގާ ޓެރަރިސްޓުން ކަމަށްވެސްް ތުރުކީގެ ރައީސްވަނީ ސިފަކުރައްވާފައެވެ. (ބީބީސީ)