ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލެޔަންސް (އެމްޑީއޭ) ހަރަކާތްތައް އެ ޕާޓީގެ ކޮންގްރެސަށް ފަހު ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އެ ޕާޓީގެ ނައިބު ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާ އެމްޑިއޭގެ ކޮންގްރެސް ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާމިރު ވިދާޅުވީ އެއްވެސް ރަށެއްގައި ސިޔާސީ ގޮތުން ބާރުވެރި އެއްވެސް ޕާޓީއެއް ރާއްޖޭގައި ނޯންނާނެ ކަމަށެވެ. އާމިރު ވިދާޅުވީ އިންތިހާބުތަކުގެ ނަތީޖާތަކުން އެކަން ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގިގެންދާނެ ކަމަށެވެ.

"ޕާޓީ އުފެއްދުމަށް ލިބުނު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަދިއެއް އަޅުގަނޑުމެންނަކަށް ނުލިބޭ ޕާޓީގެ މަސައްކަތުގައި ހީވާގީ ކަމާ އެކު މަސައްކަތް ކުރާނެ ފުރުސަތުތަކެއް. މިދަންނަވާ ބަހުގެ މާނައަކީ އަޅުގަނޑުމެން ޕާޓީ އުފެދުނީއްސުރެއް އަޅުގަނޑުމެން ކުރަމުން މިއަންނަނީ ގައުމީ މަސައްކަތްތަކެއް،" އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަކި ހާއްސަ އަތޮތަކަކީ އެމްޑީއޭގެ މެމްބަރުންގެ އަތޮޅުތަކެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށެވެ. އެހެންނަމަވެސް ހަގީގަތަކީ އެ ދާއިރާތަކަކީ ނުވަތަ އެ އަތޮޅުތަކަކީ "އެމްޑީއޭގެ ލީޑަރު ސިޔާސީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ތަންތަން" ކަމަށެވެ.

"އެތަންތަނުން ލިބުނު ތާއިދަކީ ކޮންމެހެން އެހެން އަތޮޅުތަކުގައި މަސައްކަތް ކުރަން ނުނިންމި ސަބަބެއް ނޫން. އެ ދާއިރާތަކެއްގައި ތިބޭ ރައްޔިތުންނާ ވާހަކަ ދެއްކި މަޝްވަރާ ކުރެވިގެން އަޅުގަނޑުމެންގެ ޕާޓީގެ ގޮފިތަކާއި ޕާޓީގެ ހަރަކާތްތައް ހިންގުމަކީ އަޅުގަނޑުމެން މިޕާޓީ އިން ކުރާނެ ކަންތައްތައް. އެހެންވީމާ މި އުސޫލުގެ މަތީން އަޅުގަނޑުމެން މިކަން ކުރިއަށް މިގެންދަނީ. އަޅުގަނޑުމެންނަށް އިނގޭ މިޕާޓީއެއް ނޫންކަން އޮތް ހަމައެކަނި ސިޔާސީ ޕާޓީއަކީ،" އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޕާޓީގެ އިންތިގާލީ މަރުހަލާ ނިމި ފުރަތަމަ ކޮންގްރެސަށް ފަހު އެ ޕާޓީގެ ހަރަކާތްތައް ވަރަށް ރޭވުންތެރިކަމާ އެކު ރާއްޖޭގެ އެކި ހިސާބުތަކުގައި ފެތެރިގެން ދާނެކަމަށެވެ.