07 Feb 2015, 15:56
އިސްރާއީލު ސިފައިން ފަލަސްތީނުގެ ނުވަ އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި އެވެ.
މަންޒަރު ދުށްމީހުންނާ ހަވާލާދީ ތުރުކީގެ އަނާޑޮލޫ ނިއުސް އެޖެންސީ ބުނީ ހުޅަނގު އައްސޭރީގެ ހަބްރޫނުގައި އިސްރާއީލު ސިފައިން އަބުދުއްރަޙުމާން ބުރުކާން ނަމަކަށް ކިޔާ އުމުރުން އެންމެ ނުވަ އަހަރުގެ ކުއްޖަކު އިއްޔެ ހައްޔަރުކުރީ މިސްކިތެއްގެ ކައިރީ ހުއްޓައި ކަމަށެވެ. އަދި ބުނީ އިސްރާއީލުން ހަބްރޫނުގެ ގެތައް ބަލައި ފާސްކޮށް، އެ ރަށުގެ ގިނަ މަގުތަކެއް ބަންދުކޮށްފައިވާ ކަމަށެވެ.
އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 7000 މީހުން މިހާރު ވެސް އެބަތިއްބެވެ. ފަލަސްތީނުގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއްކަމަށްވާ ޕެލަސްޓީނިއަން ޕްރިޒަނާސް ސޮސައިޓީ އިން ބުނެފައި ވަނީ އޭގެ ތެރޭގައި 250 ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.
މީހުން ހިފައި ހައްޔަރުކުރުމުގެ އިތުރުން އިސްރާއީލުން ދަނީ ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހުންގެ ގެތައް ތަޅައި ޔަހޫދީންނަށް ގެދޮރު އަޅަމުންނެވެ.
ޔޫއެން އޮފީސް ފޯ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިހައިތަނަށް އިސްރާއީލުން ވަނީ ޤުދުސާއި ރާމަﷲއާއި އަރީހާއާއި ހަބްރޫނުގައިވާ ފަލަސްތީން މީހުންގެ 43 ގެއެއް ބިމާ ހަމަކޮށްލާފަ އެވެ.
މިދިޔަ އަހަރު އެކަނި ވެސް އިސްރާއީލުން ވަނީ އިރުމަތީ ޤުދުސްގައިވާ ފަލަސްތީނު މީހުންގެ 590 ގެ ތަޅައި 1177މީހުން މަގުމަތިކޮށްފަ އެވެ.