12 Feb 2011, 08:59
މިޞްރުގެ ރައީސް ޙުސްނީ މުބާރަކު އިސްތިޢުފާ ދެއްވުމާގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ، މިކަމަށް މަރުޙަބާ ވިދާޅުވީ، ޙުސްނީ މުބާރަކުގެ 30 އަހަރުވީ ވެރިކަން ނިމުމަކަށް ގެނެސް އެ ޤައުމަށް ޑިމޮކްރަސީ ގެނައުމަށް ގޮވާލައި މިޞްރުގެ ވެރިރަށް ޤާހިރާ އާއި މިޞްރުގެ އެހެން ސިޓީތަކުގައި އެ ޤައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން މުޒާހަރާ ކުރަމުން ގެންދާތާ 18 ދުވަސް ފަހުން، މިޞްރުގެ ރައީސް ރޭ އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ.
ފުޅާދާއިރެއްގައި ކޮރަޕްޝަނާއި އިންސާނީ ޙައްޤުތަކަށް އަރައިގަތުމާއި އަނިވާރިކަމުގެ ތުހުމަތު ކުރެވެމުންދާ މުބާރަކުގެ ހުދުމުޚްތާރު ވެރިކަން ނިމުމަކަށް އައުމުން ރައީސުލްޖުމްހޫރިއްޔާ އުފާފުޅު ކުރައްވާ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޢަރަބި ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ޑިމޮކްރަސީއަށް ގޮވާލާ މިހާރު ކުރިއަށްދާ ގޮވާލުންތަކަކީ ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް އަރައިގަންނަމުންދާ ސަރުކާރުތަކަށް ލިބޭ އިންޒާރަކަށް ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.
އިސްލާމީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި ޑިމޮކްރަސީއަށް ގޮވާލެވޭ ގޮވާލުންތަކާމެދު ޖެހިލުންނުވެ، އެ ޤައުމުތަކުގައި ޑިމޮކްރަސީއަށް ގޮވާލާ ރައްޔިތުންނަށް ތާއީދު ކުރެއްވުމަށް، ހުޅަނގުގެ ޤައުމުތަކަށް، ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައިވާ ގޮވާލެއްވުން މިދަނޑިވަޅުގައި އެމަނިކުފާނު ތަކުރާރު ކުރައްވަ އެވެ.
އަނިޔާނުލިބި ދިރިއުޅުމުގެ ޙައްޤާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ރައްޔިތުންނަށް އެމީހުން ބޭނުންވާ ސަރުކާރެއް ހޮވުމުގެ މިނިވަންކަމަކީ، ހަމައެކަނި ހުޅަނގުގެ ޤައުމުތަކުގައި ލިބިދޭން ޖެހޭ ޙައްޤުތަކެއް ނޫންކަމާއި މިއީ މުޅިދުނިޔޭގެ ހުރިހާ ރައްޔިތުން ބޭނުންވާ ޙައްޤުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.
މިޞްރަށް ޑިމޮކްރެޓިކް އިޞްލާޙީ ބަދަލުތައް ގެނެސް، އެ ޤައުމުގައި އިޢުލާން ކޮށްފައިވާ ކުއްލި ޙާލަތު ނިމުމަކަށް ގެނެސް، އެ ޤައުމުގެ ރައްޔިތުންގެ އަސާސީ ސިޔާސީ މިނިވަންކަން ޤާއިމް ކޮށްދީ، ވީއެންމެ އަވަހަކަށް މިޞްރުގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވަ އެވެ. އަދި މިކަމުގައި އެއްބާރުލުން ދިނުމަށް، ބައިނަލްއަޤްވާމީ ދުނިޔެއަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވަ އެވެ.
މިޞްރުގައި ކާމިޔާބު އަދި ހަރުދަނާ ޑިމޮކްރަސީއެއް ޤާއިމް ކުރުމުގައި، ސިޔާސީ ޕާޓީތަކާއި، މިނިވަން މީޑިއާއަކާއި ހަރުދަނާ މަދަނީ މުޖްތަމަޢެއް ތަރައްޤީ ވެގެން ދިއުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
މިދިޔަ މަހު، މިޞްރުގެ ރައްޔިތުން އެޤައުމުގައި ޑިމޮކްރަސީ ޤާއިމް ކުރުމަށް ގޮވާލާ ކުރަންފެށި މުޒާހަރާތައް ފެށުމާ އެކު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވަނީ، އެ ޤައުމުގައި ޑިމޮކްރަސީއަށް ގޮވާލެވުނު ގޮވާލެވުންތަކުގައި އިސްކޮށް ހުންނެވި އެއްބޭފުޅެއް ކަމުގައިވާ މުޙަންމަދު އަލްބަރާދޭއާ ފޯނުން ވާހަކަފުޅު ދައްކަވައި އެ ޤައުމުގައި ޑިމޮކްރަސީ ޤާއިމް ކުރުމަށް ކުރާ މަސައްކަތަށް ރާއްޖެއިން ތާއީދު ކުރާކަން ހާމަކުރައްވައިފަ އެވެ.