އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ އިނގިރޭސި ތަހުތުގައި އިންނަވާތާ 63 އަހަރު ފުރުން، ފިނިމޫސުން ފާހަގަކުރުމަށް އާންމުކޮށް ރާނީ ޒިޔާރަތްކުރާ އިނގިރޭސި ވިލާތުގެ ސެރިންގްހަމް ހޮޓެލުގައި އެކަމަނާ އަމިއްލަފުޅަށް ފާހަގަކުރައްވައިފި އެވެ.

ރާނީ އެލިޒަބަތު ދެވަނަ ތަހުތުގައި ހޭދަކުރައްވާތާ 63 އަހަރު ފުރުމާ އެކު އޭނާ މިވަނީ އިގިރޭސި ތަހުތުގައި އެންމެ ގިނަ ދުވަހު ހޭދަކުރެއްވި ރާނީ ވިކްޓޯރިއާގެ ރެކޯޑު މުގުރާލުމާ ކައިރިއަށް ޖެހިލާފަ އެވެ. ރާނީ ވިކްޓޯރިއާ ވަނީ ތަހުތުގައި 63 އަހަރާއި ހަތް މަސް ދުވަސް ހޭދަކުރައްވާފަ އެވެ.

މި އަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހާ ހަމަޔަށް ރާނީ އެލިޒަބަތު ތަހުތުގައި އިންނަވައިފި ނަމަ އިނގިރޭސި ތަހުތުގައި އެންމެ ގިނަ ދުވަސްވީ ރާނީގެ ޝަރަފު އެކަމަނާ އަށް ލިބިގެންދާނެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އިނގިރޭސި ތަހުތުގައި އެންމެ ގިނަ ދުވަސްވީ ރާނީގެ ރެކޯޑު މުގުރާލުމުގެ ކުރިން ރާނީ އެލިޒަބަތު ދެ ވަނަ މެކްސިކޯގެ ރައީސާ ބައްދަލު ކުރެއްވުމުގެ އިތުރުން ޖަރުމަނުވިލާތަށް ތިން ދުވަހުގެ ދަތުރުފުޅެއް ކުރައްވަން ވަނީ ހަމަޖެހިފަ އެވެ.

އިނގިރޭސި ތަހުތުގައި މިހާތަނަށް އެންމެ ގިނަ ދުވަހު ހޭދަކުރެއްވި ރާނީ ވިކްޓޯރިއާ 23،226 ދުވަހާއި 16 ގަނޑިއިރާއި 23 މިނެޓް ތަހުތުގައި ހޭދަކުރައްވާފައިވެ އެވެ.