ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފޭކަލްޓީ އޮފް އެޑިއުކޭޝަނުން އިންތިޒާމްކޮށްގެން ޚާއްސަ އެހީއަށް ބޭނުންވާ މަދަނީ ޖަމްއިއްޔާތަކަށް އެހީތެރިވުމުގެ ގޮތުން ޅާއްސަ ފަންޑް ރެއިސިންގް ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

އެ ހަރަކާތަށް ފަށާފައި ވަނީ މިއަދު އެ ފެކަލްޓީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތް ޝަރަފްވެރި ކޮށްދެއްވީ ފެކަލްޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ރަޝީދު އަހުމަދުގެ އިތުރުން ފެކަލްޓީގެ ސީނިއާ ލެކްޗަރަރުންނެވެ.

މިއަދު ބޭއްވި ޚާއްސަ ހަފްލާގައި އެ ހަރަކާތް އިފްތިތާހު ކޮށްދެއްވީ ފެކަލްޓީގެ އެސޯސިއޭޓް ލެކްޗަރަރ މަރިޔަމް ފިޒާނާ ރަޝީދެވެ.

ފެކްލަޓީން ކުރިއަށް ގެންދާ ފުޓްސެލް މުބާރާތުގައި އެ ފެކަލްޓީގެ އިތުރުން އިތުރު ފެކަލްޓީ ތަކުންވެސް 14 އަންހެން ޓީމަކާއި 19 ފިރެހެން ޓީމެއް ބައިވެރި ވެފައި ވެއެވެ. ފުޓްސެލް މުބާރާތުގެ އިތުރުން ހިންގަން ހަމަޖެހިފައިވާ ބައެއް ހަރަކާތްތަކުގެ ތެރޭގައި ގާޑިޔާ ވީކް އަކާއި ވެހިކަލް ކްލީނިންގް ހަރަކާތެއްގެ އިތުރުން މޯވީ ނިޓްސް އާއި އަދި އިތުރު ހަރަކާތްތައްވެސް ހިމެނެއެވެ.

ފެކަލްޓީ އޮފް އެޑިއުކޭޝަނުން ބުނިގޮތުގައި އެ ހަރަކާތަކުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި ގާއިމް ކުރެވިފައިވާ ޚާއްސަ އެހީއަށް ބެނުންވާ އެކިއެކި ޖަމްއިއްޔާ ޖަމާއަތްތަކަށް އެހީވުމެވެ. އެގޮތުން އެ ހަރަކާތްތަކުން ލިބޭ ފައިސާ ކުޑަ ކުދިންގެ ހިޔާ އާއި ގުރައިދޫގައި ގާއިމް ކުރެވިފައިވާ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތަކަށް ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ.

އޭގެ އިތުރުން މިއަދު ފެކްލަޓީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފެކަލްޓީގައި ގާއިމްކުރި ވެންޑިންގް މެޝިނެއް ވަނީ ރަސްމީކޮށް އިފްތިތާހު ކޮށްފައެވެ. ވެންޑިންގް މެޝިން ރަސްމީކޮށް އިފްތާހު ކޮށްދެއްވީ ފެކަލްޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ރަޝީދު އަހުމަދު އެވެ.