07 Feb 2015, 14:59
ގާނޫނު އަސާސީއާ ޚިލާފަށް ކުރާ ކަންތައްތަކާއި އަދި ގާނޫނު އަސާސީ "ކިލަނބު" ކޮށްލުމުގެ ކިރިޔާވެސް ފުރުސަތެއް މޯލްޑިވްސް ޑިވެލޮޕްމަންޓު އެލެޔަންސް (އެމްޑީއޭ) އަކުން ނުދޭނެ ކަމަށް އެޕާޓީގެ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު ވިދާޅުވެއްޖެ އެވެ.
އެމްޑީއޭގެ ކޮންގްރެސް ބައްދަލުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މައުރޫފު ވިދާޅުވީ ސަރުރާކު ހިންގާ ޕީޕީއެމްއާއި އެ ޕާޓީން ގާނޫނު އަސާސީއާ ފުށުއަރާ އެއްވެސް ކަމެއް އަދި ގާނޫނާއި ޚިލާފު އެއްވެސް ކަމެއް ވިޔަ ނުދޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީ އިސްލާހުކުރި ނަމަވެސް އެކަން ކުރައްވާނީ "ގާނޫނީ ތަރަހައިގެ" ތެރޭގައި ކަމަށް މައުރޫފު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މާޒީގައިވެސް އެކަން ކޮށްފައިވާނީ އެގޮތަށް. އޮޑިޓާ ޖެނެރަލާއި ސުޕްރީމް ކޯޓުގެ ބެންޗަށް ގެނެސްފައިވާ ބަދަލުވެސް އަޅުގަނޑުމެން ގެނެސްފައިވާނީ ގާނޫނީ ތަރަހައިގެ ތެރެއިން. އަޅުގަނޑުމެން މިހާތަނަށް ކޮށްފައިވާ ހުރިހާ ކަމެއް ކޮށްފައިވާ ފުރިހަމަ ގާނޫނީ ތަރަހައިގެ ތެރެއިން. ދުނިޔޭގެ ޑިމޮކްރަސީ ގަބޫލުކުރާ ގައުމުތަކުގެ ހަމަތަކުގެ ތެރެއިން،" މައުރޫފު ވިދާޅުވި އެވެ.
މައުރޫފު ވަނީ ގާނޫނު އަސާސީ ހިމާޔަތް ކުރުމުގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅުދައްކަވާފައި އެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފައްދާ ގައުމު ހަލަބޮލިކޮށްލަން އެފަރާތްތަކުން އުޅެނީ "ވެރިކަމުގެ ދަހިވެތިކަމުގައި" ކަމަށް މައުރޫފު ވިދާޅުވި އެވެ.
މައުރޫފު މިހެން ވިދާޅުވެފައިވާއިރު އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ރޭ ވިދާޅުވީ ގާނޫނު އަސާސީ ހިމާޔަތް ކުރާނެ އެންމެ ފުރަތަމަ ޕާޓީ އަކީ އެޕާޓީ ކަމަށެވެ.
ސިޔާމް ވިދާޅުވީ ގައުމުގައި އަމަން އަމާން ކަމާއި ސުލްހަ މަސަލަސް ގާއިމް ކުރުމުގެ އިތުރުން ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަކީ ވާޖިބަކަށް ވާންޖެހޭ ކަމަށެވެ.
ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް އެމްޑީއޭ އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށް ވެސް އެމްޑީއޭގެ ލީޑަރު ވިދާޅުވިއެވެ.