07 Feb 2015, 14:11
މޯލްޑިވިސް ޑިވެލޮޕްމަންޓު އެލެޔަންސް (އެމްޑީއޭ) ގެ ކޮންމެ މެމްބަރަކަށް ވެސް ރިޔާސީ ކެންޑިޑޭޓަކަށް ވާދަކުރެއްވުމުގެ ފުރުސަތު އޮންނަ ގޮތަށް އެޕާޓީގެ އަސާސީ ގަވާއިދު މިއަދު ފާސްކޮށްފި އެވެ.
ދަރުބާރުގޭގައި މިއަދު ހެނދުނު ފެށިގެން ދިޔަ އެމްޑީއޭގެ ކޮންގްރެސް ބައްދަލުވުމުގައި އަސާސީ ގަވާއިދު މިގޮތަށް ފާސްކޮށްފައި ވަނީ ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ. މިއަދުގެ ހެނދުނު ދަންފަޅީގައި އަސާސީ ގަވާއިދަށް ޖުމުލަ 18 އިސްލާހެއް ހުށަހަޅާފައިވާއިރު އޭގެތެރެއިން 15 އިސްލާހު ވަނީ ފާސްވެފައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ވިދާޅުވީ އެ ޕާޓީއަކީ ހިންގަމުން އަންނަނީ ޑިމޮކްރެސީގެ އުސޫލުން ކަމަށާއި ކޮންގްރެސް ބޭއްވުން ލަސްވީ ހޯދަންޖެހޭ ހުއްދަތައް ލިބުމުގައި ލަސްތަކެއް ކުރިމަތިވުމުން ކަމަށެވެ.
"އާދެ އަޅުގަނޑުމެންގެ މި ޕާޓީއަކީ އުފެދުނީއްސުރެއް ވަރަށް ޑިމޮކްރަޓިކް ކޮށް ހިނގަމުން އަންނަ ޕާޓީއެއް. މިއަދު އަޅުގަނޑުމެން ބާއްވަމުން މިދާ އެމްޑީއޭގެ ފުރަތަމަ ކޮންގްރެސް އަކީ އަޅުގަނޑުމެން އެ ކޮންގްރެސްއެއް ބޭއްވުމަށް ތަފާތު ފަހަރުމަތިން ނިންމި ކޮންގްރެސްއެއް. އެހެންނަމަވެސް ތަފާތު މައްސަލަތަކާއި ހޯދަންޖެހޭ ބައެއް ހުއްދަތައް ހޯދަން ޖެހުމުން އަޅުގަނޑުމެންގެ މި ކޮންގްރެސް ލަސްވެފައި މިވަނީ،" އާމިރު ވިދާޅުވި އެވެ.
އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު ވިދާޅުވީ މިއަދަކީ އެމްޑީއޭގެ ހަޔާތުގައި އައިސްފަވާ އެންމެ އުފާވެރި ދުވަސް ކަމަށެވެ. މައުރޫފު ވިދާޅުވީ ޕާޓީގެ މެމްބަރުން ހުށަހެޅި ގިނަ އިސްލާހުތަކަކާ އެކު ފާސްވެގެން ދިޔަ އަސާސީ ގަވާއިދަށް އެމްޑީއޭ ފުރިހަމައަށް އިހުތިރާމްކުރާނެ ކަމަށެވެ.
"އަދި ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށްޓަކައި ވަރަށް ފުރިހަމަ ގޮތެއްގައި އަޅުގަނޑުމެން މަސައްކަތް ކުރާނަން. ހަގީގަތުގައި އަޅުގަނޑުމެންގެ އިންތިގާލީ މަރުހަލާ ނިމުމަށްފަހު މިއަދަކީ އަޅުގަނޑުމެންގެ މަސައްކަތްތައް ރަސްމީކޮށް ފެށިގެންދާނެ ދުވަސް. އަދި ވަކިން ހާއްސަކޮށް 2018 ވަނަ އަހަރު ވެސް ވެރިކަމުގެ ހިއްސާ އޮތުމަށްޓަކައި އަޅުގަނޑުމެން ހީވާގީ ކަމާއިއެކުގައި އަޅުގަނޑުމެންގެ ލީޑާޝިޕުން ފުރިހަމައަށް މަސައްކަތް ކުރާނެ ވާހަކަ މި ފުރުސަތުގައި ދަންނަވާލަން،" މައުރޫފު ވިދާޅުވި އެވެ.
އެމްޑީއޭގެ ކޮންގްރެސް ކުރިއަށްދާއިރު ޖުމުލަ ހަތް މަގާމަކަށް ބޭފުޅުން ވަނީ ކުރިމަތިލައްވައިފަ އެވެ. އެގޮތުން ޕާޓީގެ ލީޑަރާއި ނައިބު ލީޑަރުންގެ މަގާމަށް ބޭފުޅުން ކުރިމަތިލައްވާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ. ކޮންގްރެސްގައި އާންމު 10 މެމްބަރުން ހޮވުމަށް ނިންމާފައިވާ އިރު އެކަމަށް އެދި 19 ބޭފުޅަކު ވަނީ ކުރިމަތިލައްވައިފަ އެވެ. ޒުވާނުންގެ ރައީސެއްގެ ގޮތުގައި ތިން މެމްބަރުން ކުރިމަތިލައްވާފައިވާ އިރު އަންހެނުންގެ ރައީސާއެއްގެ ގޮތުގައި ދެ މެމްބަރުން ވަނީ ކުރިމަތިލައްވައިފަ އެވެ.