07 Feb 2015, 13:27
ޕީޕަލްސް ކަޕްގެ ރަނަރަޕް މާޒިޔާ ހއ. އާއި ހދ. އަތޮޅަށް ކުރާ ހަތަރު ދުވަހުގެ ދަތުރުގައި އެ ހިސާބުގަނޑުގެ ޓީމުތަކަކާ މެޗުތަކެއް ކުޅެން ހަމަޖެހިފައިވާ އިރު، އެ ދަތުރުގައި މިހާތަނަށް ކުޅުނު ދެ މެޗު ވެސް މާޒިޔާ ކާމިޔާބު ކޮށްފަ އެވެ.
މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމް ވާދަކޮށްފައި ވަނީ ދިއްދޫގެ ޒުވާނުންގެ ޓީމަކާ އެވެ. އެ މެޗު ކުޅުނީ ބުރާސްފަތި ދުވަހު ދިއްދޫ ދަނޑުގަ އެވެ. މާޒިޔާ ފަސޭހަ ކަމާ އެކު އެ މެޗު ކާމިޔާބު ކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
އޭގެ އިތުރުން މާޒިޔާ ވަނީ އިއްޔެ ހދ. ކުޅުދުއްފުއްޓަށް ދަތުރުކޮށް، އެ ރަށުގައި ވެސް ރަހުމަތްތެރި ކަމުގެ މެޗެއް ކުޅެފަ އެވެ. އެ މެޗު މާޒިޔާ ކާމިޔާބު ކުރީ ތަފާތުބޮޑު 7-0 ގެ ނަތީޖާއަކުންނެވެ.
އިއްޔެ ހަވީރު ކުޅުނު އެ މެޗުގައި ބުރާސްފަތި ދުވަހު ނިއުރޭޑިއެންޓުން މާޒިޔާ އަށް އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބަދަލުވި މުހައްމަދު އުމައިރު އާއި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ވަނީ ކޮންމެ ކުޅުންތެރަކު ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ.
އޭގެ އިތުރުން މާޒިޔާގެ އަހްމަދު ނާޝިދު (ނާއްޓޭ) އާއި، ބްރެޒިލް މިޑްފީލްޑަރު ސިލަސް ޖޫނިއާ އަދި މޫސާ ޔާމީން (ޔާމްބެ)، ކޮންމެ ކުޅުންތެރިއަކު ވަނީ އެ މެޗުގައި ލަނޑެއް ކާމިޔާބު ކޮށްފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކްލަބު އީގަލްސް އިން މި އަހަރު މާޒިޔާއާ ގުޅުނު ޒުވާން ފޯވަޑް އަހްމަދު އިމާޒް (އާއްކޮ) އެވެ.
ދިއްދޫ ޓުއާގައި މާޒިޔާ ކުޅޭ ތިން ވަނަ މެޗުގައި މިއަދު ބައްދަލުކުރާނީ ހއ. އަތޮޅުން ހޮވާލެވޭ ޓީމަކާ ދެކޮޅަށެވެ. އެ މެޗު ފަށަން ހަމަޖެހިފައި ވަނީ މިއަދު ހަވީރު ދިއްދޫ ދަނޑުގަ އެވެ.
މާޒިޔާ ދިއްދު އަށް ކުރާ ދަތުރަކީ ރައްޔިތުންގެ މަޖުލީހުގެ ދިއްދޫ ދާއިރަގެ މެންބަރު އަބްދުއްލަތީފް މުހައްމަދުގެ ސްޕޮންސާޝިޕްގެ ދަށުން މާޒިޔާ ދިއްދުއަށް ކުރާ ދަތުރެކެވެ. އަދި އެ ދަތުރުގައި ކުރިއަށް އޮތް އޭއެފްސީ ކަޕްގެ ކުރިން ޓީމްގެ ރޫހު ރަނގަޅުވެ، ޓީމްވޯކް އިތުރަށް ރަނގަޅުވެގެން ދިޔުމުގެ އިތުރުން، އެ ދަތުރުން މާޒިޔާއަށް ހުނަވެރި ކުޅުންތެރިންތަކެއް އިތުރުވެގެން ދިޔުން ވެސް އެކަށީގެންވާ ކަމަށް މާޒިޔާގެ ކޯޗް އަލީ ސުޒޭން ވަނީ ބުނެފަ އެވެ.